ޑީއާރުޕީން އިސްތިއުފާދެއްވި ކުރީގެ މަޖިލީސް މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަނެއްކާވެސް ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

ބޮޗޭ އަލުން ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ޕީޕީއެމްގެ އޮފީހުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ބޮޗޭ އަލުން ޕީޕީއެމްއާ ގުޅުނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަލާމަތްކުރުމުގެ މަސައްކަތްކުރެއްވުމަށް ކަމަށް ވިދާޅުވުމަށްފަހުއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ގްރޫޕްގެ ކުންފުނިތަކުގެ ސީއީއޯގެ މަގާމުގެ އިތުރުން ޑީއާރުޕީގެ ނައިބު ލީޑަރުގެ މަގާމުގައި ހުންނެވުމަށްފަހު ބޮޗޭ އިސްތިއުފާދެއްވީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ބޮޗޭ ވަނީ ކާށިދޫ ދާއިރާގެ މަޖިލީސް ސެކްރެޓެރިއޭޓްގެ މަގާމުންވެސް އިސްތިއުފާ ދެއްވައިފައެވެ.

ބޮޗޭ މީގެ ކުރިން "ވަން" އަށް ވިދާޅުވީ، އޭނާއަކީ އަބަދުވެސް ޕީޕީއެމްގެ މެންބަރެއް ކަމަށާއި ޑީއާރުޕީއާ ގުޅިވަޑައިގެންނެވީ ވަޒީފާގެ ގޮތުން ކަމަށެވެ. ވަޒީފާއިން އިސްތިއުފާ ދެއްވީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ބޮޗޭ ވަނީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.

ބޮޗޭއަކީ ކާށިދޫ ދާއިރާގެ މެންބަރު އަދި ޔޮޓް ޓުއާސްގެ ޗެއާމަން ޖާބިރުގެ ވަރަށް އަރިސް ބޭފުޅެކެވެ. ޑީއާރުޕީއާ ބޮޗޭ ގުޅިވަޑައިގެންނެވީ ވެސް ޖާބިރާއެކު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.