ދިރާގުން އަލަށް ތައާރަފުކުރި ލައިފްސްޓައިލް އެޕްލިކޭޝަން "ނައުއެމްވީ" ބޭނުންކޮށްގެން ރާއްޖޭގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އެހީތެރިވާން ބޭނުން މީހުންނަށް އެކަން ފަސޭހަކޮށްދީފިއެވެ.

ދިރާގުން ބުނީ އެ ކުންފުނިން ތައާރަފުކުރި މި ހާއްސަ ފީޗާ ބޭނުންކޮށްގެން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވުމުގެ އިތުރުން އެ ޖަމާއަތްތަކުން ބާއްވާ ފަންޑްރެއިޒިން ކެމްޕެއިންތަކަށް ވެސް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

އެގޮތުން ނައުއެމްވީ އެޕްގައި މިވަގުތު ހަތަރު އެންޖީއޯއެއް ލިސްޓުކޮށްފައިވާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މީގެ ތެރެއިން ކޮންމެ އެންޖީއޯއަކުން ވެސް ހާއްސަ ފަންޑްރައިޒާއެއް ހުޅުވާލާފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ނައު އެމްވީގެ ޑޮނޭޝަން ފީޗާއާ ބެހޭގޮތުން ދިރާގުގެ ބިޒްނަސް ޑިވަލޮޕްމެންޓް މެނޭޖަރު އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ، މި ދަނޑިވަޅަކީ މިފަދަ ޖަމިއްޔާތަކަށް އެންމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއް ކަމަށާއި މިއީ ކޮވިޑުގެ ސަބަބުން ގިނަ އެންޖީއޯތަކުގެ މަސައްކަތްތަކަށް ފަންޑު ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމަށެވެ.

"ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް އަޅުގަނޑުމެން ބޭނުންވީ އެންޖީއޯތަކާއި އަމިއްލަ ފަރާތްތަކާ ގުޅުވާލަދީ، އަމިއްލަ ފަރާތްތަކުން، އެފަރާތްތައް ސަޕޯޓްކުރަން ބޭނުންފުޅުވާ ކަމަކަށް ނުވަތަ އެންޖީއޯއަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސްކޮށްދިނުމަށް،" ޝިނާއު ވިދާޅުވިއެވެ.

މީގެ އިތުރުން އެންޖީއޯތަކުން ކުރާ މަސައްކަތްތަކީ ކޮބައިކަން ދެނެގަނެ، އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންވާ އެންޖީއޯތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ގާއިމުކުރުމަކީ ވެސް މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް ޑޮނޭޓް ކުރެވޭނީ ދިރާގުޕޭ މެދުވެރިކޮށެވެ.

ނައުއެމްވީ މޮބައިލް އެޕަކީ ތަފާތު މުނިފޫހިފިލުވުމާއި ލައިފްސްޓައިލް ފީޗާތައް ހިމެނޭ އެޕްލިކޭޝަނެކެވެ.

[ދިރާގު ނައުއެމްވީ އެޕް ޑައުންލޯޑް ކުރުމަށް](https://bit.ly/2yA5Jb3 )