އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރިޕަބްލިކް އޮފް ނައިޖާއަށް ފުރާވަޑައިގެންފި އެވެ.
ނައިޖާގެ ވެރިރަށް ނިއާމޭގައި މި މަހުގެ 27 އިން 28 އަށް ބާއްވާ އޯއައިސީގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރު ޝާހިދު ފުރާވަޑައިގަތީ މިއަދު އެވެ.
މި ބައްދަލުވުމުގައި ކޮވިޑުގެ ހާލަތު ރާއްޖޭގައި އޮތް ގޮތާއި އެކަމުގެ ސަބަބުން ލިބެމުން އަންނަ ގެއްލުންތަކާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާގުޅޭ ގޮތުންނާއި އިސްލާމީ އުއްމަތަށް މިވަގުތު ކުރިމަތިވެފައިވާ ކަންކަމާމެދު ރާއްޖެއިން ދެކޭ ގޮތް ހާމަކުރައްވައި، މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވާނެ އެވެ. އޭގެ އިތުރުން އެ ބައްދަލުވުމުގެ ހަވާސާގައި ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއެކު މިނިސްޓަރު ޝާހިދު ބައިލޭޓަރަލް ބައްދަލުވުންތައް ބާއްވާނެ އެވެ.
އޯއައިސީ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ މިފަހަރުގެ ޝިއާރަކީ "ތަރައްގީއަށް ހަމަޖެހުމަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް" އެވެ.
ރާއްޖެއިން އޯއައިސީގެ މެމްބަރު ގައުމަކަށްވީ 1976 ވަނަ އަހަރު އެވެ. އަދި އެއަށްފަހު އެ ޖަމްއިއްޔާގެ ހަރަކާތްތަކުގައި އަބަދުވެސް ބައިވެރިވެ އެވެ. އޯއައިސީގެ މެމްބަރު ގައުމުތަކުގެ ގޮތުގައި 57 ގައުމު އޮވެއެވެ.
އޯއައިސީ ހާރިޖީ ވަޒީރުންގެ ކައުންސިލަކީ ޖަމިއްޔާގެ ސިޔާސަތުތައް ތަންފީޒުކުރުމާގުޅޭ ގޮތް ކަނޑައަޅައި، އިސްލާމިކް ސަމިޓްގައި ގައުމުތަކުގެ ވެރިން ނިންމަވާ ނިންމެވުންތައް ތަންފީޒު ކުރެވެމުން އަންނަ މިންވަރު މޮނީޓާކޮށް، އުއްމަތުގެ މުހިންމު މައްސަލަތަކާގުޅޭ ގޮތުން މަޝްވަރާކުރާ ކައުންސިލެވެ. ހާރިޖީ ވަޒީރުންގެ ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރާނީ އޯއައިސީ ސެކްރެޓޭރިއޭޓުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު