އެމްއެންޑީއެފް ސެނަހިޔާ މިލިޓްރީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ސްޓާފް ސާޖަންޓް ޝަރީފް އޮޓޮމެޓިކް ސެނިޓައިޒާ މެޝިނެއް އުފައްދައިފިއެވެ.

ޝަރީފް އުފެއްދި ސެނިޓައިޒާ މެޝިން މިއަދު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ހަދިޔާކުރައްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ ޝަރީފް ސެނިޓައިޒާ މެޝިން އުފެއްދީ ލޮކްޑައުން ތެރޭ ޗުއްޓީގައި ހުރެ ކަމަށާއި އެ މެޝިނަކީ 1.5 ލީޓަރުގެ ސެނިޓައިޒާ އެޅޭ އޮޓޮމެޓިކް މެޝިނެއް ކަމަށެވެ.

އެ މެޝިން ފަރުމާކޮށްފައިވަނީ މެޝިންގެ ވަކި ހާއްސަ ދިމާލަކަށް އަތް ދިއްކޮށްލުމުން، ސެނިޓައިޒް ކުރެވޭ ގޮތަށް ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ޑިފެންސް މިނިސްޓަރަށް އެ މެޝިން ހަދިޔާކުރުމަށް ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓާފް ސާޖަންޓް ޝަރީފުގެ ހުނަރުވެރި މަސައްކަތް ފާހަގަކުރައްވައި، މިނިސްޓަރު މާރިޔާ ވަނީ ހިތްވަރުދެއްވައިފައެވެ.

އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދު ﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލުގެ ސާޖަން ޖެނަރަލް ކާނަލް ޑޮކްޓަރު އަލީ ޝާހިދު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެެވެ.

މީގެ ކުރިން ސިފައިން ވަނީ ވެންޓިލޭޓަރެއް ވެސް އުފައްދައިފައެވެ. އެމްއެންޑީއެފްގެ ސާވިސް ކޯޕްސްގެ ސިގްނަލްސްގެ ފަރާތުން އެ ވެންޓިލޭޓަރު އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ހަލާކުވެފައިވާ ބައެއް އިލެކްޓްރޯނިކް ސާމާނުގެ ބައިތައް ބޭނުންކޮށްގެން އެ ވެންޓިލޭޓަރު އުފެއްދުމުގެ މަސައްކަތް ނިންމާފައިވަނީ 14 ދުވަހުންނެވެ.