މިއަހަރުގެ އަމޯގޯސް ޓޫރިޒަމް ފިލްމު ފެސްޓިވަލުން ރާއްޖޭގެ ބްލިންކްސް މީޑިއާ ޕްރައިވެޓް ލިމިޓެޑަށް ސިލްވާ އެވޯޑެއް ލިބިއްޖެއެވެ.
މިމަހުގެ 11 އިން 14ގެ ނިޔަލަށް ގްރީސްގައި ކުރިއަށްގެންދިޔަ 11 ވަނަ އަމޯގޯސް ޓޫރިޒަމް ފިލްމު ފެސްޓިވަލުގައި ބްލިންކްސް މީޑިއާއަށް ސިލްވާ އެވޯޑް ލިބުނީ ޓޫރިޒަމް ސާވިސްގެ ދާއިރާއިން އެ ކުންފުނީގެ ސީއީއޯ ހުސައިން ޝިހާމް ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރި ހެރިޓެންސް އާރަށް މޯލްޑިވްސްގެ މަންޒަރުތައް ދައްކައިދޭ ވީޑިއޯއަކަށެވެ.
ހުސައިން ޝިހާމަކީ 2017 ވަނަ އަހަރު އާޓްސް އެންޑް ކަލްޗާގެ ދާއިރާއިން ޒުވާނުންގެ ގައުމީ އިނާމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ހުސައިން ޝިހާމް ވިދާޅުވީ، ބްލިންކްސް މިޑިއާއަށް ލިބުނު އެވޯޑަކީ ޓްރެވެލް ވީޑިއޯ މާކެޓް އިންޑަސްޓްރީން ކުރާ މަސައްކަތް ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށެވެ. އަދި އެ ވީޑިއޯ ހަގީގަކަށް ހެދުމަށް، އޭނާއަށް އެހީތެރިވި އެންމެހައި ފަރާތްތަކަށް ޝިހާމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ތިން މިނެޓާއި 53 ސިކުންތުގެ އެ ވީޑިއޯގައި އާރަށުގެ ގިނަ މަންޒަރުތައް ދައްކުވައިދެއެވެ. އެގޮތުން ރިސޯޓުގެ ކޮޓަރިތަކާއި ފަތުރުވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކާއި ޑައިނިން ރޫމްތަކުގެ އިތުރުންވެސް ރިސޯޓުގެ ރީތިކަން ދައްކުވައިދޭ އެތައް މަންޒަރެއް ވީޑިއޯގައި ހިމަނާފައިވެއެވެ.
ބްލިންކްސް މީޑިއާގެ ފަރާތުން ހުށަހެޅި އާރަށުގެ އެ ވީޑިއޯއަށް ރިސޯޓް ސާވިސްގެ ދާއިރާއިން ސިލްވާ އެވޯޑް ލިބުނީ 50 އަށްވުރެ ގިނަ ގައުމުން ހުށަހެޅި 700 އަށްވުރެ ގިނަ ވީޑިއޯއާ ވާދަކޮށެވެ. އެ ކެޓަގަރީން ދެން ސިލްވާ އެވޯޑް ލިބުނީ ޖަޕާނާއި ޕޯޗުގަލްއަށެވެ. އެ ފެސްޓިވަލުގައި އެކި ކެޓަގަރީތަކުން 15 ގައުމަކަށް އެވޯޑް ލިބިފައިވެއެވެ.
އަމޯގޯސް ޓޫރިޒަމް ފިލްމު ފެސްޓިވަލަކީ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިޔުޓީއޯ) އާއި ޔޫރަޕިއަން ޓްރެވެލް ކޮމިޝަނުން އެންޑޯޒްކޮށްފައިވާ ފެސްޓިވަލެކެވެ. އެ ފެސްޓިވަލަކީ ޓޫރިސްޓު ފިލްމުތައް އިސްތިހާރުކުރާ ފަރާތްތަކުގެ މެދުގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ފެސްޓިވަލެވެ.
ޚަބަރު
ޚަބަރު
ޚަބަރު