އިންގްލެންޑް ގައުމީ ޓީމަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު، އެސްޓަން ވިލާގެ ކެޕްޓަން ޖެކް ގްރީލިޝްއަކީ ޗެލްސީއަށް ކުރިން ކުޅުނު ބެލްޖިއަމްގެ ހުނަރުވެރި ވިންގާ އެޑެން ހަޒާޑްގެ ކޮލިޓީ ހުރި ކުޅުންތެރިއެއް ކަމަށް ލެޖެންޑަރީ ޑިފެންޑަރު އެޝްލީ ކޯލް ބުނެފިއެވެ.

މި ސީޒަންގައި ވިދުން ގަދަ ގްރީލިޝްއަށް އިނގިރޭސި ގައުމީ ޓީމުންވެސް ޖާގަ ލިބިފައިވާއިރު، އޭނާ ފާހަގަކޮށްލެވުނީ ގައުމީ ޖާޒީގައިވެސް އާދަޔާ ހިލާފު މޮޅުކޮށެވެ. އުމުރުން 25 އަހަރުގެ ގްރީލިޝް އެންމެފަހުން ބެލްޖިއަމްއާ ދެކޮޅަށް ދެއްކި ކުޅުމަށްފަހު އިނގިރޭސި ކޯޗު ގެރެތު ސައުތުގޭޓްވެސް އޭނާއަށް ތައުރީފު ކޮށްފައި ވެއެވެ. އެ މެޗުން އިންގްލެންޑް ބަލިވި ނަމަވެސް، ގްރީލިޝްގެ ހުނަރުވެރިކަމަށް ގިނަ ބައެއްގެ ލޯތައް އަމާޒުވިއެވެ.

"މެޗުގެ އޮއިވަރު ކޮންޓްރޯލްކޮށް، މެޗުގައި އެންމެ ހުނަރުވެރިކޮށް ފެނުނީ ގްރީލިޝް. ކުދިކުދި ޖާދުލާއެކު މެޗުތައް އަނބުރައިލެވޭނެ ކުޅުންތެރިން އުޅޭނެ. ގްރީލިޝްއަކީ އެފަދަ ޖާދުވީ ކުޅުންތެރިއެއް،" ޗެލްސީ އާއި އާސެނަލްއަށް ވެސް ކުރިން ކުޅެ، އިންގްލެންޑް ގައުމީ ޓީމުގެ ލެޖެންޑަރީ ޑިފެންޑަރު އެޝްލީ ކޯލް ބުނެފައި ވެއެވެ.

އެޝްލީ ކޯލް ބުނެފައި ވަނީ މިވަގުތު ގްރީލިޝް ދައްކަމުން އަންނަ ކުޅުމަށްބަލާއިރު، އޭނާ ޔޫރޯއަށް ގެންދިޔުމަކީ އިންގްލެންޑަށް މުހިއްމުވާނެ ކަމެއް ކަމަށެވެ.

" ގްރީލިޝް ޔޫރޯއަށް ގެންދިޔުމަކީ ކޯޗަށް މުހިއްމުވާނެ ކަމެއް. ހަޒާޑުގެ ހުނަރުވެރިކަން ގްރީލިޝް ގެ އެބަހުރި. ދެފަޅިއަށްވެސް ކުޅުންތެރިން ނައްޓާލުމަށްފަހު ފައުލްވެސް ހޯދޭނެ ކުޅުންތެރިއެއް ގްރީލިޝްއަކީ. އެއީ އިންގްލެންޑަށް ޕޮއިންޓް ހޯދާނެ މަގެއް. އެފަދަ ފައުލްތައް ހޯދުމުން މޭސަން މައުންޓާއި ހެރީ ކޭންއަށް ހިލޭ ޖެހުންތައް ޖަހަން ފުރުސަތު ލިބޭނެ،" އެޝްލީ ކޯލް ބުނެފައި ވެއެވެ.

އެޝްލީ ކޯލްއާއެކު ޗެލްސީއަށް ކުޅުނު ހަޒާޑަކީ މި ޖެނެރޭޝަންފައި ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ޗެލްސީއަށް ފަސް އަހަރު ދުވަސް ވަންދެން މޮޅު ކުޅުމެއް ދެއްކި ހަޒާޑް ރެއާލްއަށް ބަދަލުވިފަހުން އޭނާއަށް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތިވެފައެވެ. މިވަގުތު ކޮވިޑް 19 ޖެހިފައި ހުރި ހަޒާޑަށް ރެއާލްގައި މިދިޔަ ސީޒަންވެސް ވެފައި ވަނީ އުނދަގޫ ސީޒަނަކަށެވެ.