އެތުލެޓިކޯ މެޑްރިޑުގެ އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އުރުގުއޭއާއެކު އިންޓަނޭޝަނަލް ޑިއުޓީގައި އުޅެމުންދަނިކޮށް އުމުރުން 33 އަހަރުގެ ސުއަރޭޒް ކޮވިޑަށް ޕޮސިޓިވް ވެފައިވާކަން އެގައުމުގެ އެފްއޭ އިން ވަނީ ޔަގީން ކޮށްދީފަ އެވެ. އެފްއޭއިން ބުނެފައިވަނީ ސުއަރޭޒްގެ ފަރާތުން އެއްވެސް ކަހަލަ އަލާމާތެއް ފެންނަން ނެތް ކަމަށާއި މިވަގުތު ހުރީ އަމިއްލައަށް ކަރަންޓީނު ވެގެން ކަމަށެވެ.

ކޮވިޑް ޖެހުމާއެކު ސުއަރޭޒަށް ބްރެޒިލްއާ ދެކޮޅަށް އުރުގުއޭއިން ކުޅެން އޮތް މެޗުގެ އިތުރުން އަންނަ ހަފްތާ ހޮނިހިރު ދުވަހު އެތުލެޓިކޯ އިން ބާސާއާ ދެކޮޅަށް ކުޅެން އޮތް މެޗު ވެސް ގެއްލޭނެ އެވެ.

މިދިޔަ ސީޒަނަށްފަހު ބާސާއާ މައްސަލަތަކެއް ޖެހި، މީޑިއާގައި ވެސް ސުއަރޭޒް އާއި ބާސާއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައިވެ އެވެ. އޭރު ބާސާގައި އޮތް ބޯޑާ ސުއަރޭޒް މައްސަލަތަކެއް ޖެހި، ކުލަބް ދޫކޮށް އެތުލެޓިކޯއަށް ބަދަލުވި ފަހުން މި ސީޒަންގައި މިހާތަނަށް ރަނގަޅު ކުޅުމެއް ވެސް ވަނީ ދައްކައިފަ އެވެ. މި ހަފްތާ ސުއަރޭޒަށް ހާއްސަ ވަނީ އޭނާ ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ބާސާއާ ދެކޮޅަށް ނުކުންނަ މެޗު ކަމަށްވާތީ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެކަން ފުރިހަމަވާ ގޮތް ވަނީ ނުވެފަ އެވެ.

ސުއަރޭޒާއެކު ގޯލްކީޕަރު ރޮޑްރީގޯ މުނޯޒް އާއި އުރުގުއޭގެ ސްޓާފެއް ކަމަށްވާ މަޓިއަސް ފަރަލް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އުރުގުއޭއިން އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ސުއަރޭޒް އާއި އެޑިސަން ކަވާނީ ގޯލް ޖަހާފައިވެ އެވެ. ކޮލަމްބިއާއާ ދެކޮޅަށް ކުޅެ، އުރުގުއޭއިން މެޗު ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.