ރާއްޖޭގެ ދެކުނުން ތޫފާނެއް އުފެދިފައިވާ ކަމަށާއި ނަމަވެސް އެ ތޫފާންގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، ރާއްޖޭގެ ދެކުނުން އުފެދިފައިވާ ތޫފާން "އެލިސިއާ" ދަތުރު ކުރަމުންދަނީ ރާއްޖޭގެ ދެކުނުން ރާއްޖެއާ ދުރަށް ކަމަށެވެ. ރާއްޖޭގެ ބޮޑުބަޔަކަށް މިހާރު ކުރަމުން އަންނަ ވިއްސާރަ އާއި އެ ތޫފާނާ ސީދާ ގުޅުމެއް ނެތް ނަމަވެސް މި ވިއްސާރައަކީ ރާއްޖޭގެ އުތުރުން އިންޑިއާ ކަނޑުގައި އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަންގެ ސަބަބުން ކުރަމުން އަންނަ ވިއްސާރަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އެ ސާކިއުލޭޝަންގެ ސަބަބުން ރާއްޖޭގެ އުތުރާއި މެދުތެރޭ އަތޮޅުތަކުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު، މިރޭ 11:00 އާހަމައަށް ހއ. އަތޮޅުން ދ. އަތޮޅާ ދެމެދަށް ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެެވެ.

މެޓް އޮފޯހުން ބުނީ، އެލާޓް ނެރެފައިވާ ސަރަހައްދުގައިވާ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުުރުން އެކަށީގެންވެ އެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުންނެވެ. އަދި އެހެން ހިސާބުތަކަށް އުތުރާއި އިރު އުތުރުންނެވެ. ރާއްޖޭގެ ހުރިހައި ހިސާބަކަށް ވެސް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވެ އެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ.