އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މަގާމުން ވަކިކޮށްފިއެވެ.

ޑިފެންސް ސެކްރެޓަރީ މާކް އެސްޕާ މަގާމުން ވަކިކޮށްފައިވާކަމަށް ވިދާޅުވެ އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓުވީޓެއް ކުރައްވައިފައެވެ.

ރައީސް ޓްރަމްޕްގެ ޓުވީޓްގައި ވަނީ އެސްޕާގެ ބަދަލުގައި އެމަގާމަށް އެގައުމުގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ކްރިސްޓޮފާ ސީ މިލާ އައްޔަން ކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޓްރަމްޕް ވަނީ ކްރިސްޓޮފާ އަކީ އެމަގާމަށް އެންމެ އެކަށީގެންވާ މީހާކަމަށް ވެސް ވިދާޅުވެފައެވެ. އަދި މާކް މަގާމުގައި ހުންނެވި އިރު ކުރެއްވި މަސައްކަތަށް ޓްރަމްޕް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެކަންކަން ނިމުމަކާ ގާތް ވެފައި ވާއިރު އިންތިހާބުގައި ރައީސް ޓްރަމްޕާ ވާދަކޮށް ޖޯ ބައިޑަން އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު ރައީސް ޓްރަމްޕް ވަނީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް އެބަހުރި ކަމަށް ވިދާޅުވެ ތުހުމަތުގެ އިނގިލި ދިއްކުރައްވައިފައެވެ. ޓްރަމްޕަށް އިންތިހާބު ނާކާމިޔާބުވުމާއެކު، ސަރުކާރުގައި އިސްކޮށް ތިބި ގިނަ ބަޔަކު ދަނީ ފެޔަށް ޖެހެމުންނެވެ.