ކޮވިޑްގެ ސަބަބުން އެހީތެރިކަމަށް ބޭނުންޖެހިފައިވާ 23 އާއިލާއަކަށް މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އެމްއެސްޖީއެފް)ގެ ފަރާތުން ކާބޯތަކެތި ހަދިޔާކޮށްފިއެވެ.
އެމްއެސްޖީއެފްގެ ފައިނޭންސް ސެކްރެޓަރީ އަސްމާ ހަސަން "ވަން" އަށް ވިދާޅުވީ، މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ އާއިލާތަކަށްވެސް ކާބޯތަކެތި ހަދިޔާކޮށްދީފައިވާ ކަމަށެވެ. އެގޮތުން އައްްޑޫ ސިޓީގެ ދެ އާއިލާއަކަށް އަދި ރ. އަލިފުށީގެ ދެ އާއިލާއަކަށް ކާބޯތަކެތި ހަދިޔާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގެ ގެތަކަށް ކާބޯތަކެތި ހަދިޔާކުރުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެމްއެސްޖީއެފުން ބުނީ ކާބޯތަކެތި ހަދިޔާކުރީ އެ ޖަމިއްޔާގެ މީސްމީޑިއާ ޕޭޖުތަކުގެ އިތުރުން ވެބްސައިޓުގައި ކުރިއަށްގެންދިޔަ ސައިލެންޓް އޮކްޝަން (ނީލަން) އެއްގެ ތެރެއިންނާއި ހެޔޮ އެދޭ ބައެއް ފަރާތްތަކުގެ ދީލަތި އެހީން ކަމަށެވެ. އެގޮތުން ލިބުނު ފައިސާއިން ކޮންމެ އާއިލާއަކަށްވެސް 1،000 ރުފިޔާގެ ތަކެތި ހަދިޔާކޮށްފައިވާ ކަމަށް އެމްއެސްޖީއެފުން ބުންޏެވެ.
"ހަނޑޫ، ހަކުރު، ފުށް، މަސްދަޅު، ކުކިން އޮއިލް، ކޯސްޓް ކިރު، މިފަދަ ތަކެތި މި ހަދިޔާ ކުރީ. ދެން އާއިލާތަކުން ބޭނުންވެގެން އެބޭފުޅުންގެ ކެއުމުގެ ވައްޓަފާޅިއާ އެއްގޮތްވާ ގޮތުގެ މަތިން ބައެއް ކަހަލަގެ ސާމާނު ބަދަލުކޮށްދީފައި ވެސް ވާނެ. އަޅުގަނޑުމެންގެ އަމާޒަކީ ފަންޑް ލިބުނު ވަރަކުން މިފަދަ ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށްގެންގޮސް އެފަދަ ފަރާތްތަކަށް އެހީތެރިވެދިނުން،" އަސްމާ ވިދާޅުވިއެވެ.
އެމްއެސްޖީއެފްއަކީ ގައިޑިން އަދި ސްކައުޓިން ވެލިއުސްތައް ޒުވާނުންގެ މެދުގައި ދިރުވައި އާލާކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން އަންނަނީ އެކި މުނާސަބާތަކާއި އެކި ހާލަތްތަކާ ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ފަންޑު ރައިސިން ހަރަކާތްތަކާއި ޑޮނޭޝަންގެ ހަރަކާތްތައް ހިމެނެއެވެ. އެގޮތުން އެ ޖަމިއްޔާއިން ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެމްކޯއަށް 1،400 މާސްކްވެސް ހަދިޔާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު