ހއ. ތަކަންދޫއަށް ކުނިވެފައިވާ ބޮޑު މަހެއް މިއަދު ލައްގައިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
އެ ރަށު ކައުންސިލް މެންބަރު ފާތުމަތު ފަޒީހާ، "ވަން އޮންލައިން" އަށް ވިދާޅުވީ އެ މަސް ލައްގާފައިވަނީ ރަށުގެ ދަށްފަރާތަށް ކަމަށެވެ. އެއީ އެރަށުގެ އިރުމަތީ ފަރާތެވެ. ގާމަތީ އެ ސަރަހައްދަށް އެހާ ގިނައިން މީހުން ގޮހެއް ނޫޅެ އެވެ.
ލައްގާފައި ވަނީ ސާޅީހަކަށް ފޫޓުގެ ބޮޑުމަހެއް ކަމަށާއި އެ މަސް ވަނީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް ވެސް ފަޒީހާ ވިދާޅުވި އެވެ.
"މިއަދު 10 ޖަހާކަންހާއިރު އާއްމު މީހަކު ގުޅާފައި ބުނީ އެ މަސް ލައްގާފަ އޮތް ކަމަށް. އޭގެން ވަރަށް ކުނި ވަސް އެބަ ދުވާ." ފަޒީހާ ވިދާޅުވި އެވެ.
ފަޒީހާ ވިދާޅުވީ އެ މަސް ނައްތައިލުމަށް ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އެފަދަ ކަމެއް ކުރުމުގެ ގާބިލުކަން ރަށުގައި ނެތުމުން އެކަން ކުރެވެން އޮތީ ކަމާބެހޭ ފަރާތްތަކުގެ އެހީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ތިރީހަކަށް އަހަރު ކުރިން ވެސް ތަކަންދުއަށް ބޮޑު މަހެއް ލެއްގި އެވެ. އެފަހަރު މަސް ލެއްގީ ރަށުގެ ހުޅަނގު ފަރާތަށެވެ. އެ މަސް ހޮވި މީހުން އޭގެ ދަތްތަކާއި އެހެން ސާމާނުތައް ބޭނުންވިއިރު ރަށު އޮފީހުން އޭރު ނިންމީ އެތަކެތި ލިބޭނީ ރައްޔިތުންނަށް ކަމަށެވެ. އެ މައްސަލަ ބޮޑުވެ އެކަން ކޯޓަށް ވެސް އޭރު ހުށަހެޅި އެވެ.
ރާއްޖޭގެ ކަނޑުގައި ބޮޑު މަސް އުޅުމަކީ އާއްމުކަމެކެވެ. ދޭތެރެ ދޭތެރެއިން އެފަދަ މަސްތައް މަރުވެ، ކުނި ވެގެން ރަށްތަކަށް ލައްގަ އެވެ.
ހއ. ތަކަންދޫ
ހއ. ތަކަންދޫ
ހއ. ތަކަންދޫ
ހއ. ތަކަންދޫ