ހޮސްޕިޓާލިޓީ ސިނާއަތަށް އަމާޒުކޮށްގެން، ކޮންމެހެން ބޭނުންވާ، މުހިންމު "މިޝަން ކްރިޓިކަލް" ހިދުމަތްތައް އެއް ޕްލެޓްފޯމަކުން ލިބޭނޭ ނިޒާމެއް ދިރާގުން ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނީ، "އީކޯސިސް"ގެ ނަމުގައި ތައާރަފްކުރި އެ ޕްލެޓްފޯމަކީ އުފެއްދުންތެރި މުސްތަގުބަލާ ރައްޓެހި ޕްލެޓްފޯމެއް ކަމަށެވެ. އަދި އެ ޕްލެޓްފޯމް ހާއްސަކޮށްފައިވަނީ ރެސޯޓްތަކަށް އިތުރު ރައްކާތެރިކަމާއި އޮޕަރޭޝަންސް މެނޭޖްކުރަން ލުއިފަސޭހަތައް ލިބޭނެ ފަދަ ގޮތަކަށް ކަމަށް ބުންޏެވެ.

އެގޮތުން އީކޯސިސްގައި ހިމެނޭ ހާއްސަ ފަސް ހިދުމަތުގެ ތެރޭގައި އަލިފާނުގެ އަސަރު ދެނެގަތުން، އޯޑިއޯ ހިދުމަތް، ޑްރޯން ޑިޕްލޮއިމެންޓް ހިދުމަތް، ހުއްދަނެތި ވަންނަ މީހުން ދެނެގަތުން އަދި ލޮކޭޝަން ބޭސްޑް ހިދުމަތްތައް ހިމެނެ އެވެ.

ދިރާގުން ބުނީ، އެ ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ ދިރާގުން ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ މާހިރުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ރިސާޗްތަކާއި އެ ބޭފުޅުންގެ ލަފަޔާ އެކު ކަމަށެވެ.

ދިރާގު އީކޯސިސް ފަޔާ ސާވިސް ނުވަތަ އަލިފާނުގެ އަސަރު ދެނެގަންނަ ފަޔާ އެލާމް މޮނިޓަރިން ހިދުމަތަކީ ކަސްޓަމަރުންގެ ނެޓްވޯކާއި ލޮކޭޝަނާ ގުޅިފައިވާ ހިދުމަތެކެވެ. އެހެންކަމުން، އީކޯސިސް ހިދުމަތް ލިބޭ ކޮންމެ ތަނެއްގައި ވެސް، އެ ހިދުމަތް ލިބިލިބި ހުންނާނެއެވެ. އަދި ފަޔާ ސާވިސްގެ ޑޭޝްބޯޑުން ފަސޭހަކަމާއެކު ހާދިސާއެއް ހިނގައިގެން އުޅޭ ތަން ހޯދައި، އަލިފާން ނިވުމުގެ މަސައްކަތް އަވަހަށް ފެށޭނެ އެވެ.

ލޮކޭޝަން ބޭސްޑް ސާވިސް މެދުވެރިކޮށް އެއްގަމާއި ކަނޑުގެ ސަރަހައްދުތައް މޮނިޓާ ކުރެވޭނެ އެވެ. ޖީޕީއެސް ޓްރެކިންގް ޑިވައިސް، މޯޝަން ސެންސަރު އަދި ސީސީޓީވީ ކެމެރާ ފަދަ ޑިވައިސްތައް މެދުވެރިކޮށް ރަށުގެ އެކި ސަރަހައްދުތައް ޓްރެކް ކޮށް މޮނިޓާކޮށް ހެދޭނެ އެވެ. އަދި މީގެ އިތުރުން، ލައިވް ފީޑުގެ ރިކޯޑިންގް ހަދައި ފަހުން ބަލާލެވޭނެ އެވެ.

ދިރާގު އީކޯސިސް ހޮސްޕިޓާލިޓީ ޕްލެޓްފޯމްގައި ތަފާތު ގިނަ ބޭނުންތައް ހިފޭނެ ފަދަ ސައުންޑް ސިސްޓަމެއް ވަނީ އެކުލަވާލައިފަ އެވެ. އެގޮތުން އެ ސައުންޑް ސިސްޓަމް މެދުވެރިކޮށް ޕަބްލިކް އެނައުންސްމަންޓް ހަދައި ބެކްގްރައުންޑް މިއުޒިކް ޖަހާލާ އަދި މީގެ އިތުރުން، ގެސްޓުންނަށް އިން-ރޫމް ޑިވައިސް މެދުވެރިކޮށް ކޮޓަރީގައި ބޭނުން މިއުޒިކެއް ޖަހާލެވޭނެ އެވެ.

ދިރާގު އީކޯސިސް ޕްލެޓްފޯމްގެ އެހެނިހެން ހިދުމަތްތަކާ ގުޅިގެން، މި ޕްލެޓްފޯމުގައި ހިމެނޭ ޑްރޯންގެ ހިދުމަތުން، އެއްގަމާއި ކަނޑުގެ މޮނިޓަރިންނަށް އިތުރު ފަސޭހަ ކަމެއް ލިބި، އެމަޖެންސީ ހާލަތްތައް ދެނެގަންނަށް ފަސޭހަވެގެން ދާނެ އެވެ. ޑްރޯން ހިދުމަތުގައި އޮޓޯމެޓިކުން ނޫނިއްޔާ އަމިލައް އަށް ފްލައިޓް ކޮންޓްރޮލް ކުރުމުގެ ނިޒާމު އެކުލެވިގެންވެ އެވެ. އަދި އެކަމުގެ ސަބަބުން މޮނިޓަރިންގެ ޕްރޮސެސް އަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ އެވެ.

"ޖިއޯ ފެންސިން" ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަނޑައެޅިފައިވާ ދިމާލެއްގައި ދަތުރުކުރާ އުނޅަދުތައް ޓްރެކްކޮށް، ހުއްދަނެތި ވަދެ ނުކުމެއުޅޭ އުޅަނދުތައް ބަލައި އެފަދަ އުޅަނދެއް ފެނިއްޖެ ނަމަ ވަގުތުން ކަމާބެހޭ ފަރާތްތަކަށް އެކަމާބެހޭ ނޮޓިފިކޭޝަން ފޮނުވައިދޭނެ އެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން އާ އާންމު ހާލަތުގައި މަސައްކަތް ކުރަންޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދު ވެސް މަސައްކަތްކުރަމުން އަންނަ ކަމަށާއި އަދި ދިރާގުން މިއަދު ތައާރަފު ކުރި ވޫހޫ ފަދަ ސްމާޓް ސޮލިއުޝަންތަކާއި ޕާޓްނާޝިޕް ތަކަކީ އެކަމުގެ ހެއްކެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.