ދެހާސް ސާދަވަނަ އަހަރުގެ އޮގަސްޓް އަށްވަނަ ދުވަހުގެ ރޭ ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގުކުރަން ބޭރުގެ އިވެސްޓިގޭޓަރު ރާއްޖެ އަތުވެއްޖެއެވެ.
ރިލްވާން ގެއްލުނުތާ މިއަހަރު، ހަ އަހަރު ފުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ އަމިއްލަ އަތްޕުޅުން ލިޔުއްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިލްވާންގެ މައްސަލަ ތަހުގީގުކުރާ ޓީމަށް ބޭރުގެ އިންވެސްޓިގޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ މެމްބަރެއް ކަމަށްވާ މިސްބާހު އައްބާސް "ވަން" އަށް ވިދާޅުވީ ރިލްވާން މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ އިންވެސްޓިގޭޓަރަކު ރާއްޖެ އައިސް ކޮމިޝަންގެ މެމްބަރުންނާއެކު މަސައްކަތް ފަށާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މަރުގެ މައްސަލަތައް ތަހުގީގުކުރުމުގައި ރިޔާސީ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ މާހިރަކު އައްޔަން ކޮށްދިނުމަށް އެދި ރައީސް ސޯލިހުގެ އަރިހުން ރިލްވާނާއި މަރާލާފައިވާ ބްލޮގަރު ޔާމިން ރަޝީދުގެ އާއިލާއިން އެދުނީ މިދިޔަ ޖުލައި މަހު ކުރީކޮޅު، އެމަނިކުފާނާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.
ރިލްވާންގެ މަރުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާތީވެ، އޭނާގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރިލްވާންގެ އާއިލާއިން ބުނީ މި ސަރުކާރު ވެރިކަމަށް އައީ ރިލްވާނާއި ޔާމީންގެ ނަން ބޭނުން ކޮށްގެން ކަމަށާއި އެ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވަނީ މުއައްސަސާތައް ފެއިލް ވެފައިވާތީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު