ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ހެދުމަކާ ނުލައި ގދ. ނަޑެއްލާގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފަށާފައިވާތީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފެނަކަ ކޯޕަރޭޝަން 263,750 ރުފިޔާއިން ޖޫރިމަނާކުރީ އިއްޔެ ކަމަށެވެ.

އީޕީއޭއިން ބުނީ، ފެނަކަ ކޯޕަރޭޝަން ޖޫރިމަނާކުރީ، ނަޑެއްލާ އިންޖީނުގެ މިހާރު ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ފެނަކައިން ކުރިއަށްގެންދާ މަޝްރޫއުގައި އީއައިއޭ ހެދުމާ ބެހޭ ގަވާއިދާ ހިލާފަށް މަސައްކަތް ފެށުމުގެ ކުރިން އެ އެޖެންސީން ނަގަންޖެހޭ ހުއްދަތައް ނުނަގައި މަސައްކަތް ފަށާފައިވާކަން އެކުންފުނީގެ ފަރާތުން ޔަގީންކޮށްދީފައިވާތީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކަމަށެވެ.

އީޕީއޭއިން ބުނީ، ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދައްކަން ޖެހޭނެ ކަމަށެވެ.

މީގެ ކުރިންވެސް ފަސް ފަހަރެއްގެ މަތިން އީއައިއޭ ހެދުމާ ބެހޭ ގަވާއިދާ ހިލާފުވެގެން ފެނަކަ ކޯޕަރޭޝަން ޖޫރިމަނާ ކޮށްފައިވެއެވެ.