މަރުކަޒީ ބޭންކު، އެމްއެމްއޭއިން ޓިއޭޓޯއެވްރީގެ ސަބްސިޑަރީއެއް ކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭ އާއެކު ރާއްޖޭގައި އިންސްޓެންޓް ޕޭމަންޓް ސިސްޓަަމް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އިންސްޓެންޓް ޕޭމަންޓް ސިސްޓަމަކީ ދިވެހިރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތަކުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އެމްއެމްއޭއިން ފަށާފައިވާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އެންމެ މުހިންމު އެއް އަސާސެވެ.
ރާއްޖެެއަކީ ގުދުރަތީ ގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ގައުމެއް ކަމުގައިވީ ނަމަވެސް، މި ސިސްޓަމް ގާއިމުކުރެވިގެން ދިއުމާއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީ ނަމަވެސް ފަސޭހަކަމާއެކު، ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ މަގުފަހިވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ،
އެމްއެމްއޭއިން ބުނީ ޒަމާނީ، އީޖާދީ މާލީ ހިދުމަތްތައްދޭ ފަރާތްތަކަށް މި ސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަަމައަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. މިއީ ގައުމީ ފެންވަރުގައި ހިންގޭ ބޮޑު މަޝްރޫއަކަށް ވާއިރު، މީގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ މުއާމަލާތްތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އިތުރު ފުރުސަތުތަކެއް މި ދާއިރާއިން ހުޅުވިގެންދާނެ ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.
މީގެ އިތުރުން އެމްއެމްއޭއިން ބުނީ މިއަދު ސޮއިކުރެވިގެން ދިޔަ އެއްބަސްވުމަކީ ދުނިޔޭގައި ފައިނޭންޝަލް ޓެކްނޮލޮޖީއަށް އަންނަމުން އަންނަ ކުރިއެރުންތަކާއި އެއްހަމައެއްގައި ރާއްޖޭގެ މާލީ ނިޒާމު ތަރައްގީކޮށް، އޭގެ ސަބަބުން ދިވެހިންނަށް އިތުރު ލުއިފަސޭހަ ތަކެއް ލިބުމުގެ މަގުފަހިކޮށްދޭނެ އެެއްބަސްވުމެއް ކަމަށެވެ.
މި ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރި ފަރާތް ކަމުގައިވާ ޓިއޭޓޯއެވްރީ އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިފަދަ ސިސްޓަމްތަކުގެ ހިދުމަތް ފުޅާދާއިރާއެއްގައި މިހާރުވެސް ދެމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ.
އެގޮތުން ސްވިޑަންގައި 'ސްވިޝް'ގެ ނަމުގައި މޮބައިލް ޕޭމަންޓް ސޮލިއުޝަނެއް ގާއިމުކުރުމާއެކު، ފިންލެންޑްގައި ފުރަތަމަ ގާއިމުކުރެވުނު ރިއަލް ޓައިމް މޮބައިލް ޕޭމަންޓް ޕްލެޓްފޯމްވެސް ފޯރުކޮށްދީފައިވަނީ ޓިއޭޓޯއެވްރީންނެވެ. މީގެ އިތުރުން، ޓިއޭޓޯއެވްރީން ވަނީ ކެންޔާގައި ވެސް ޕެސާލިންކްގެ ނަމުގައި ރިއަލްޓައިމް މަނީ ޓްރާންސްފާ ސޮލިއުޝަނެއް ގާއިމުކޮށްދީފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފުލާގައި ވާހަކަދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ މާލީ ނިޒާމު، ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކާ އެއްހަމައެއްގައި ގާއިމުކުރުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި މި މަޝްރޫއު ހިންގުމަށް ޓިއޭޓޯއެވްރީ ފަދަ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކާ ބައިވެރިވުމަކީ ލިބޭނެ ކުރިއެރުމެއް ކަމަށެވެ. އަދި އެ ކުންފުންޏާއެކު ކުރެވޭ މަސައްކަތްތަކުގެ އެހީގައި، ދިވެހިންނަށް ޕޭމަންޓް ދާއިރާގައި މިހާރު ދިމާވާ ތަފާތު އެކި ގޮންޖެހުންތަކަަށް އެދެވޭ ހައްލެއް އަވަސް މުސްތަގުބަލެއްގައި ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ޓިއޭޓޯއެވްރީން ފާހަގަކުރާ ގޮތުގައި މި ސިސްޓަމަކީ، ސިސްޓަމް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ޕޭމަންޓް ދާއިރާއަށް އަންނަމުން އަންނަ ބަދަލުތަކާ އެއްހަމައެއްގައި ބަދަލުކޮށް، އިތުރަށް ފުޅާކުރުމުގެ ގާބިލުކަން ލިބިފައިވާ ގޮތަށް ފަރުމާކުރެވިފައިވާ ސިސްޓަމެކެވެ.
އެމްއެމްއޭއިން ބުނީ، 2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި މި ސިސްޓަމްގެ ބޭނުން، ރާއްޖޭގައި ހިނގާ މުއާމަލާތްތަކަށް ބޭނުން ކުރަން ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު