މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާ ގޮތުގައި މި ކުއާޓަރުގައި އެ ކުންފުންޏަށް 100 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާއާ އަޅާބަލާއިރު ފަސް އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 94 މިލިއަން ރުފިޔާއެވެ.

މާލީ ރިޕޯޓުގައިވާ ގޮތުން ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް 119 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ފައިދާގެ ގޮތުގައި 120 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މާލީ ރިޕޯޓުގައިވާ ގޮތުން ތިންވަނަ ކުއާޓަރުގައި އެސްޓީއޯއިން 1.2 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެއެވެ. އަދި އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ތެލުގެ ވިޔަފާރިންނެވެ. އެގޮތުން ތެޔޮ ވިއްކައިގެން އެސްޓީއޯއަށް 818 މިލިއަން ރުފިޔާ ލިބުނު އިރު، ތެޔޮ ނޫން އެހެން ދާއިރާތަކުން ލިބުނީ 727 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް އެ ކުންފުނީގައި 2,057 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އިރު، 81 އިންސައްތައަކީ ދިވެހިންނެވެ.