ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕެއޯ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޕޮމްޕެއޯއަށް އަލަވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ޕޮމްޕެއޯ ރާއްޖެއަށް ވަޑައިގަތީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. ދަތުރުފުޅުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެވެ. ރައީސް އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ރައީސް އޮފީހުގެ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި އޭނާ ވަނީ ސޮއިކުރައްވައިފަ އެވެ.
އެއަށްފަހު ޕޮމްޕެއާ ވަނީ ފޮރިން މިނިސްޓަރު ޝާހިދާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފަ އެވެ. މަޝްވަރާތަކަށްފަހު ޖޮއިންޓް ޕްރެސް ބްރީފިން އެއް ދީފައިވެ އެވެ.
މި ދަތުރުފުޅުގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި އިއުލާން ކުރެވިގެން ދިޔައީ ރާއްޖެ އާއި އެމެރިކާގައި ދެ ގައުމުގެ އެމްބަސީ ހުޅުވަން ނިންމުމެވެ. އެ އެމްބަސީ ގާއިމުކުރާނީ ކޮންތަނެއްގައި ކަމެއް އަދި އެކަމުގެ ތަފްސީލެއް ފޮރިން މިނިސްޓްރީން އަދި ނުދެ އެވެ.
މިހާރު ރާއްޖެއަށް އެމެރިކާގެ ފަރާތުން ހިދުމަތްދޭ އެމްބަސީއަކީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީއެވެ. އަދި އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް މިވަގުތު ނުހުރެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހާރިޖީ ލަފާ އަރުވާ އެންމެ އިސް ފަރާތް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 28 އަހަރަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ. އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ ޖުލައި 24، 1992 ގައި އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކާ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު