ބޮލީވުޑްގެ މަޝްހޫރު ބަތަލް ސައިފް އަލީ ހާން ލީޑްރޯލުން ފެނިގެންދާ ވެބް ސީރީޒް "ދިއްލީ" މިއަންނަ އަހަރުގެ ޖެނުއަރީ މަހު އޮންލައިންކޮށް ރިލީޒްކުރާ ގޮތަށް ނިންމައިފިއެވެ.

އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ "ދިއްލީ" އޮންލައިންކޮށް ރިލީޒްކުރާނީ އެމޭޒަން ޕްރައިމް ވީޑިއޯގައެވެ. ކުރިން މި ވެބް ސީރީޒް އަށް ކިޔާފައިވަނީ "ތަންދަވް" އެވެ. އެހެންނަމަވެސް ފަހުން ވަނީ ސީރީޒްގެ ނަން "ދިއްލީ" އަށް ބަދަލުކޮށްފައެވެ.

"ދިއްލީ" އަކީ ސިޔާސީ ވާހަކަތަކެއް ކިޔައިދޭ ސީރީޒްއެކެވެ. މި ސީރީޒްގައި ސައިފް ފެނިގެންދާނީ ބޮޑު ވަޒީރުގެ ރޯލުންނެވެ. އިންޑިއާގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސީރީޒްގައި އަލި އަޅުވާލާފައިވަނީ އިންޑިއާގެ ސިޔާސީ މަޝްރަހަށެވެ.

ސައިފްގެ އިތުރުން އެ ސީރީޒްގެ މުހިންމު ރޯލުތަކުން ޕުރާބު ކޮލީ، ކްރިތިކާ ކަމްރާ، ޑިމްޕަލް ކަޕާޑިއާ އަދި ސުނިލް ގްރޯވާ ފެނިގެންދާނެއެވެ. ދިއްލީގެ 10 އެޕިސޯޑް ހިމެނޭނެއެވެ.