ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދާ ގުޅުވައިގެން އޮންލައިން ނޫހެއްގައި ދޮގު ވާހަކަތަކެއް ޝާއިއު ކޮށްފައިވާތީ، އެ ނޫހާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެކަމަނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

އެކަމަނާގެ ވަކީލުންގެ ޓީމު، ދަ ލިޓިގަންޓްސް އިން މިރޭ ނެރެފައިވާ ނޫސް ބަޔާނުގައި ބުނީ، މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމްއެންއެން) ނަމަކަށް ކިޔާ އޮންލައިން ނޫހެއްގައި މާލޭ ސިޓީ ކައުންސިލުން ލޮނުޒިޔާރަތް ކޮޅުގައި ހަދަމުން އަންނަ ޕާކަށް ގަސް ވިއްކަނީ ސްރީލަންކާގައި އޮންނަ މެޑަމް ފަޒްނާގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ އަނެއް ޕާޓްނަރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށް ބުނެފައިވާތީ އެއީ ސާބިތު ނުހިފޭ ހަމަނުޖެހޭ ދޮގު ވާހަކަތަކެއް ކަމަށެވެ.

އޭގެ އިތުރުން މެޑަމް ފަޒްނާގެ ފައިސާތަކެއް މޮރިޝަސްއަށް ބަދަލުކުރި ކަމަށް ބުނެ އެ ނޫހުގައި ލިޔެފައިވާ ވާހަކަތައް ވެސް އެކަމަނާ އިންކާރު ކުރައްވާ ކަމަށް ބަޔާނުގައިވެ އެވެ.

އެގޮތުން މޮރިޝަސްގައި ހިންގަނީ ކޮން ވިޔަފާރިއެއް ކަމެއް އަދި ފައިސާ ހުރިނަމަ އެހުރީ ކޮން ބޭންކެއްގައި ކަމެއް ހާމަކޮށްފައި ނެތްއިރު މޮރިޝަސްގެ މަސްއޫލުވެރިއެއްގެ ބަހެއް ވެސް ގެނެސްދީފައި ނެތްކަމަށް ވަކީލުން ފާހަގަކުރެއްވި އެވެ.

"ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާކަމުގައިވާ ސައްހަ ލިޔުމަށް ބަދަލުގެނައުމާއި އެހަދާ ލިޔުން ނަކަލުކުރުމާއި އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމަކީ ކުށެއް. އަދި 311 ވަނަ މާއްދާގެ ދަށުން ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުމަކީ ވެސް ކުށެއް. އަދި 313 ވަނަ މާއްދާގެ ދަށުން އޮޅުވާލުމުގެ އަމަލުތައް ހިންގުމަކީ ވެސް ކުށެކެވެ. ވީމާ މިކަމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު މި ފާމުގެ ފަރާތުން ކުރިއަށް ގެންދާނެކަމުގައި ދަންނަވަން،" މެޑަމް ފަޒްނާގެ ގާނޫނީ ވަކީލުން ނިސްބަތްވާ ލިޓިގަންޓްސް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނީ، މެޑަމް ފަޒްނާގެ އެފަދަ ކުންފުންޏެއް އޮތް ނަމަ އެ ކުންފުނީގެ ނަމާއި އެ ކުންފުނީގައި އެ ކަމަނާ ހިމެނިވަޑައިގަންނަވާ ގޮތެއް އެންގުމަކީ އެފަދަ ލިޔުމެއް ލިޔާ އެޑިޓަރުގެ މަސްއޫލިއްޔަތެއް ކަމަށާއި ހާއްސަކޮށް އިކޮނޮމިކް މިނިސްޓްރީގެ އޮންލައިން ޕޯޓަލް އިން ރަޖިސްޓަރީކޮށްފައިވާ ހުރިހާ ކުންފުންޏެއްގެ ނަމާއި ހިއްސާދާރުންގެ މައުލޫމާތު މިހާރު ފެންނަން ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން ސްރީލަންކާގައި ވެސް އެފަދައިން ހޯދެން ހުރި އިރު، އެ ނޫހުގެ އެޑިޓަރު އެފަދަ އެއްވެސް ތަހުގީގެއް ނުކޮށް، ހިތު ލަފަޔަށް އެއްޗެހި ލިޔުމުން ފާޅުވަނީ އެޑިޓަރުގެ ފެންވަރާއި އެޑިޓަރުގެ ނޫހުގެ ފެންވަރު ކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ.