އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ކިޔަވާ ދަރިވަރުންގެ ލޯންތައް ދެއްކުން ފަސްކޮށްދިނުމަށް ނިންމައި، އެތަނުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނިންމުމަށް އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއް ހަދައި، ހުށަހެޅުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.
އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުން ދަނީ ކޯސް ދިގުލައިގެން ދިއުމުގެ ސަބަބުން އަމިއްލަ ޖީބުން އެތައް ފައިސާއެއް ހަރަދުކުރަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އައްޑޫ ފްލައިން ސްކޫލުގެ މެނޭޖުމަންޓުން ދަރިވަރުންނަށް އިހުމާލުވަމުން އަންނަ ކަމުގެ ކަންބޮޑުން ވެސް އެ ދަރިވަރުން ފާހަގަކުރެ އެވެ.
ފްލައިން ސްކޫލުގައި މިވަގުތު ހުރި ކަންބޮޑުވުންތައް ފާހަގަކޮށް އެތަނުގެ ދަރިވަރުން ވަނީ އޭއޭއޭ އާއި ހަޔާ އޭޑިއުކޭޝަންގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ވެސް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ލިޔުންތަކުގެ ކޮޕީތައް ވަން އަށް ވެސް ލިބިފައި ވެއެވެ.
އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެއްވެސް ހާލެއްގައި ދަރިވަރުންގެ ކިޔެވުމަށް ބުރޫއެރުމަކީ އެ މިނިސްޓްރީއަށް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.
އެގޮތުން ފްލައިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމުގައި ހުރި ގޮންޖެހުންތަކަށް ފުރިހަމަ ހައްލެއް ލިބިފައި ނުވާތީ އެ މިނިސްޓްރީގެ މަތީ ތައުލީމާއި ތަމްރީނުގެ ލޯނުގެ ފުރުސަތުގެ ދަށުން މިވަގުތު އޭއޭއޭގައި ކިޔަވާ 96 ދަރިވަރުންގެ ވެސް ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު ކޯސް ނިމޭ ތާރީހަކުން ފެށިގެން ހަ މަސް ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ޕައިލެޓްކަން ކިޔަވަން އާންމުކޮށް ހޭދަވަނީ 18 މަސް ދުވަހެވެ. ސަރުކާރުން ފައިސާ ހަމަޖައްސައިދެނީ ވެސް އެ މުއްދަތަށެވެ. ނަމަވެސް އެ މުއްދަތު ހަމަވެ، ކޯސް ދިގުލައިގެންދާ މުއްދަތުގައި އަމިއްލަ ޖީބުން ހަރަދުތައް ކުރަން ޖެހުމަކީ ވެސް ޕައިލެޓްކަން ކިޔަވާ ދަރިވަރުންގެ ކަންބޮޑުވުމެކެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އޭއޭއޭގައި މިވަގުތު މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި އަމިއްލަ ހަރަދުގައި ކިޔަވަމުން އަންނަ ގިނަ ދަރިވަރުންތަކެއް ވެސް ހިމެނޭތީ އެ ދަރިވަރުންގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން މިއަދުން ފެށިގެން 20 ދުވަހުގެ ތެރޭގައި އެ އެކެޑަމީގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކޯސް ނިންމުމަށް އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއް ހެދުމަށްފަހު ހުށަހަޅަން އަންގާފައިވާނެ ކަމަށެވެ.
އޭގެ އިތުރުން އެ ޕްލޭން ތަންފީޒުކުރުމާ ގުޅޭ ހުއްދަ ހޯދައިގެން ކުރިއަށް ގެންދިއުމަށް އެކެޑަމީއަށް އަންގާފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ، އެކެޑަމީން ހުށަހަޅާ ޕްލޭނެއް ކުރިއަށް ގެންދިއުމުގައި ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާ ކުރެވޭނެ ކަމަށެވެ. އެ ޕްލޭންއާ އެއްގޮތަށް އަމަލުކޮށް، ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވެންދެން، އިތުރު ދަރިވަރުން އެކެޑަމީގައި އެންރޯލް ނުކުރެވޭނެ ކަން ވެސް އަންގާފައިވާނެ ކަމަށާއި އަދި ސިވިލް އޭވިއޭޝަނުން އޮކްޓޯބަރު މަހު ފުރިހަމަ ކުރި އޮޑިޓަށްފަހު ހުށަހަޅާފައިވާ ގޮތަށް ހަފްތާއަކު ތިން ދުވަހުގެ ބަދަލުގައި ފަސް ދުވަހަށް އޮޕަރޭޝަން ބަދަލުކުރުމަށް އަންގާފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު