އާސެނަލްއިން ޕްރިމިއާ ލީގަށް އިއުލާންކުރި ފައިނަލް 25 ކުޅުންތެރިންގެ ސްކޮޑުން ބާކީ ކުރުމުން ޖަރުމަނުގެ މެސުޓް އޮޒިލް، ކްލަބުގެ ސަޕޯޓަރުންނަށް ހާއްސަ މެސެޖެއް ދީފިއެވެ.

އުމުރުން 32 އަހަރުގެ އޮޒިލް ޕްރިމިއާ ލީގުގެ ސްކޮޑުގެ އިތުރުން ޔޫރޮޕާ ލީގުގެ ސްކޮޑުގައިވެސް ހިމެނިފައެއް ނުވެއެވެ. މި އަހަރު މާޗު މަހުގެ ފަހުން އާސެނަލްއަށް މެޗެއް ކުޅެފައި ނުވާ އޮޒިލް، އެ ކްލަބާ 2013 ވަނަ އަހަރު ގުޅުނީ 42.4 މިލިއަން ޕައުންޑަށެވެ. އޮޒިލް ސްކޮޑުގައި ހިމެނިފައިވާ ނުވުމުން އޭގެ މާނައަކީ 2021 ވަނަ އަހަރު އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން އޭނާއަށް ކުޅެވޭނީ 23 އަހަރުން ދަށުގެ ޓީމަށް އެކަންޏެވެ.

އޮޒިލް މީސް މީޑިއާއަށް ދޫކޮށްލި އަސަރު ގަދަ މެސެޖުގައި ބުނެފައި ވަނީ ސްކޮޑުގައި ނުހިމެނުމުން އެކަމާ ހިތްފަޅައިގެން ދާވަރަށް ދެރަވާ ކަމަށެވެ. އާސެނަލްއަށް އޭނާ ކޮށްދިން ވަފާތެރި ހިދުމަތަށް ކްލަބުން ބަދަލު ދޭން ބޭނުން ނުވި ކަމަށްވެސް އޮޒިލް ވަނީ ބުނެފައެވެ.

"އަހަރެން މިހުރީ ވަރަށް ބޮޑަށް ދެރަވެފައި. ޕްރިމިއާ ލީގުގެ ސްކޮޑުގައި އަލަށް ނުހިމެނި މިދިޔައީ. 2018 ވަނަ އަހަރު ކްލަބާއެކު އެއްބަސްވުން އާކޮށް ކްލަބަށް އަހަރެންގެ ލޯޔަލްޓީ ދެއްކިން. އެއީ އަހަރެން ލޯބިވާ އާސެނަލްއަށް ކުޅުމަށްވީ ވައުދެއް. އެކަން ކުރަން އާސެނަލްއިން ފުރުސަތު ދޭން ބޭނުމެއް ނުވި. އެއީ ދެރަ ކަމެއް. މިޒަމާނުގައި ވަފާތެރިކަމަށް ބަދަލު ލިބޭލެއް މަދުވާނެކަން އެނގިއްޖެ،" އޮޒިލް ބުނެފައިވެއެވެ.

އޮޒިލް ބުނެފައި ވަނީ ކޮންމެ ހަފްތާއަކުވެސް އޭނާ މަސައްކަތް ކުރީ ސްކޮޑަށް އަރާނެކަމަށް ވަރަށް ޕޮޒިޓިވް ކޮށް ކަމަށާއި، ގިނަ ދުވަސްތަކެއް ވަންދެން އެއްޗެއް ނުބުނެ ހުރީ ސްކޮޑުން ޖާގަ ލިބޭނެ ކަމުގެ އުންމީދުވެސް އޮތުމުން ކަމަށެވެ.

"ކޮވިޑް 19ގެ ބްރޭކް ގެ ކުރިން އަލަށް ޓީމާ ހަވާލުވި ކޯޗާއެކު އަހަރެންގެ ހިތްވަރު އާވެގެން ދިޔަ، ވަރަށް ބާރަށް ކަންކަން ރަނގަޅުވަމުން ދިޔައީވެސް. ރަނގަޅު ފޯމެއްގައި ފޯމްވެސް ހުއްޓާ އާސެނަލްއިން އަހަންނަށް ފުރުސަތެއް ނުދިން. ލަންޑަންއަކީ އަބަދުވެސް އަހަރެންގެ ހޯމް. އަހަރެންގެ އާއިލާގެ އިތުރުން ރައްޓެހިންވެސް ތިބީ މިތަނުގައި. އާސެނަލް ހާއްސަކޮށް، މިއީ އަހަރެންގެ ހިތް އޮންނާނެތަން،" އޮޒިލްގެ މެސެޖުގައި ވެއެވެ.

ރެއާލް މެޑްރިޑުން އާސެނަލްއާ ގުޅުނު ފަހުން 254 މެޗު ކުޅެދީ އޮޒިލް ވަނީ ކްލަބަށް 44 ގޯލް ޖަހައިދީފައެވެ. އަދި އޭނާއަކީ މުޅި ޔޫރަޕްގައިވެސް ވިދާލި، ގިނަ އެސިސްޓަކެއް ހަދާފައިވާ މިޑްފީލްޑަރެކެވެ. އުނައި އެމެރީގެ ކޯޗުކަމުގެ ދަށުގައި އޮޒިލް ޓީމުން ބޭކާރުވިތަން ފެނުނުއިރު، ވަގުތީ ގޮތުން ހަވާލުވި ލިޔުންބާގު ވަނީ އޭނާގެ ބޭނުން ކޮށްފައެވެ.

އާޓެޓާ ކްލަބާ ހަވާލުވި ފުރަތަމަ ދުވަސް ކޮޅުގައިވެސް އޮޒިލް ފުރަތަމަ 11 އިން ފެނުމަށްފަހު ގެއްލުނީ ކޮވިޑް ބްރޭކް ފަހުންނެވެ. މުސްލިމުންނާއި އުފަން ގައުމު ތުރުކީގެ ދިފާއުގައި އަބަދުވެސް ވާހަކަ ދައްކާ އޮޒިލް ގައުމީ ޓީމާ ޖެހުނީވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންއާއެކު ނެގި ފޮޓޯއެއްގެ މައްސަލައެވެ. އެ މައްސަލައިގައި ގައުމީ ޓީމުން ބޭރުކޮށްލިއިރު، އާސެނަލްއިންވެސްއިން ވެސް އޮޒިލްގެ ހިޔާލުތަކާ ފުށުއަރާ ކަމަށް ނޫސްތަކުން ބުނެއެވެ.