ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް މ. މުއްޔަށް ތައާރަފްކޮށްފި އެވެ.

ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގެ ހުރިހާ ޗެނަލަކާއި އޮން-ޑިމާންޑުގެ ކޮންޓެންޓްތައް އަގާއި ކޮލިޓީގެ އެއްވެސް ތަފާތެއް ނެތި މިހާރު މުލީގެ ރައްޔިތުންނަށް ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުގެ ސީނިއާ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ވީހާވެސް ގިނަ ރަށްތަކަށް އެކުންފުނީގެ ޓީވީގެ ހިދުމަތް ފުޅާކޮށް، ވީހާވެސް ގިނަ ކަސްޓަމަރުންނަށް ދިރާގު ޓީވީ މެދުވެރިކޮށް ހައި ކޮލިޓީގައި ޕްރޮގުރާމްތަށް ބަލާލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި ޗެނަލްތައް އިތުރުކޮށް، ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީގެ ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ 73 ޕަސެންޓް ގޭބިސީއަށް މިހާރު ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.

އޭގެ ތެރޭގައި 54 ރަށް ހިމެނޭއިރު، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން އެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ދިރާގުން އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން ޓީވީ، ސްމާޓްފޯން އަދި ޓެބްލެޓްތަކުން ދިރާގު ޓީވީގެ ކޮންޓެންޓް ބަލާލެވޭނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.