ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 480 މިލިއަން ޑޮލަރުގެ ގެރެންޓީ ދީފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވާ މިދިޔަ ހޮނިހިރު ދުވަހު ނެރެފައިވާ 2018 ވަނަ އަހަރުގެ ދައުލަތުގެ ގެރެންޓީއާ ގުޅޭ އޮޑިޓް ރިޕޯޓްގައި ދައުލަތުން ގެރެންޓީ ދިނުމުގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން ދައުލަތުން ގެރެންޓީ ދިނުމުގައި އެކަމަށް އެދި ހުށައަޅާ ހުށައެޅުންތައް ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ނުވަތަ މިނިވަން އޮޑިޓަރެއް ދިރާސާކުރަންވާނެ ކަމަށް ބުނެފައި އޮތް ނަމަވެސް ދައުލަތުގެ ފަރާތުން 484,399,832 ޑޮލަރުގެ ގެރެންޓީ ދީފައިވަނީ އެ އުސޫލާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެކަމުގެ ސަބަބުން ސަރުކާރުގެ ކްރެޑިޓް ރިސްކު އިތުރުވެގެންދާނެ ކަމަށާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަންޏެއް އަދާނުކޮށްފި ހާލަތެއްގައި އެކަމުގެ ޒިންމާ ގެރެންޓީ ދޭފަރާތުގެ ހައިސިއްޔަތުން ދައުލަތުން ނަގަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން 2016 ވަނަ އަހަރު ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 328 މިލިއަން އެމެރިކާ ޑޮލަރުގެ ގެރެންޓީ ދީފައިވެ އެވެ. އަދި އިތުރު 1000 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏަށް 65 މިލިއަން އެމެރިކާ ޑޮލަރުގެ ގެރެންޓީއެއް ވެސް ދީފައިވެ އެވެ.
އެ ދެ މަޝްރޫއު ހަވާލުކުރި ކުންފުނީގެ ފަރާތުން ޕާފޯމަންސް ސެކިއުޓީ ނުދިނުމުގެ ސަބަބުން އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވީ ނަމަވެސް މަޝްރޫއަށް ދޫކުރި ގެރެންޓީ ހޯދުމަށް ސަރުކާރުން މަސައްކަތް ކޮށްފައިނުވާ ކަމަށާއި އަދި އެ ގެރެންޓީ އަނބުރާ ސަރުކާރުން ހޯދާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އޮޑިޓް ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން އޮޑިޓަ ޖެނެރަލް ވަނީ އެ ދެ މަޝްރޫއުގެ ގެރެންޓީ އަނބުރާ ހޯދުމަށް ސަރުކާރުގައި އެދިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު