އާސެނަލް މިޑްފީލްޑަރު މެސުޓް އޮޒިލް ގެންދިއުމަށް ސައުދީ އަރަބިއްޔާގެ ކްލަބެއް ކަމަށްވާ އަލް ނަސްރުން ބިޑް ކޮށްފައިވާކަމަށް ޓީވައިސީ ސްޕޯޓްސް އިން ރިޕޯޓް ކޮށްފިއެވެ.
އާޖެންޓީނާގެ އެންމެ ވަރުގަދަ ކުޅިވަރު ޗެނަލް ޓީވައިސީ ސްޕޯޓްސްއިން ބުނެފައިވާ ގޮތުގައި އޮޒިލް ހޯދުމަށް ނަސްރުން ކޮށްފައިވާ ބިޑަކީ 5 މިލިއަން ޕައުންޑުގެ ބިޑެކެވެ. ބިޑް ކޮށްފައި ވަނީ އޮޒިލްގެ މުސާރައަށް މާ ބޮޑު ދަށްވުމެއް ނާންނަގޮތަކަށް ދެ އަހަރަށް ސޮއި ކުރުވަން ކަމަށްވެސް ޓީވައިސީން ބުނެފައި ވެއެވެ.
ހަފުތާއެއްގެ މައްޗަށް 350،000 ޕައުންޑުގެ މުސާރައެއްގައި އާސެނަލަށް ކުޅެމުން އަންނަ އޮޒިލް ފޮނުވައިލުމުގެ މަސައްކަތް އާސެނަލުން ކުރަމުން އަންނަ ކަމަށް ހަބަރުތައް ވަނީ ކުރިންވެސް ބުނެފައެވެ. އެ ހަބަރުތައް ފެތުރިފައި ވަނީ މި ސީޒަންގެ ނިޔަލަށް އާސެނަލްއާއެކު އޮޒިލް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ދިއުމުގެ އިތުރުން، ޔޫރޮޕާ ލީގަށް އާސެނަލްއިން އިއުލާންކުރި ސްކޮޑުގައި އޮޒިލް ހިމަނާފައި ނެތުމުންނެވެ.
އިނގިރޭސި ނޫސްތަކުން ބުނެފައިވާ ގޮތުގައި، އާސެނަލުން މިހާރު އަންނަނީ އޮޒިލްއާއެކު މަޝްވަރާތައް ކުރަމުންނެވެ. މިދިޔަ ދެ ހަފުތާ ތެރޭގައިވެސް ކޮންޓްރެކްޓް އުވައިލުމަށް އޮޒިލްއާއެކު އާސެނަލުން މަޝްވަރާކޮށްފައި ވެއެވެ. އެގޮތުން އާސެނަލުން ކޮންޓްރެކްޓް އުވައިލަން ބޭނުންވަނީ ކޮންޓްރެކްޓްގައި ބާކީ އޮތް ނުވަ މަސް ދުވަހުގެ މުސާރަ ނުލިބޭނެ ގޮތަށެވެ. އެހެން ނަމަވެސް އޮޒިލް ބޭނުންވަނީ އެ ދުވަސްތަކަށްވާ 13 މިލިއަން ޕައުންޑްގެ މުސާރަވެސް ލިބޭނެ ގޮތަށް ކޮންޓްރެކްޓް އުވާލުމަށެވެ.
2014 ވަނަ އަހަރު ޖަރުމަނާއެކު ވޯލްޑް ކަޕްވެސް ހޯދި މިޑްފީލްޑަރު އޮޒިލްއަކީ އާސެނަލަށް މުހިއްމު މެޗުތަކެއް ކުޅެދީ، އެ ކްލަބުގައި ވިދާލި ކުޅުންތެރިއެކެވެ. ފަހަކަށް އައިސް ޓީމުގައި އޭނާގެ ބޭނުން ނުހިފި، ގިނަ މެޗުތަކުގައި ބެންޗު ކޮށްފައިވަނީ ގައުމީ ޓީމުގައިވެސް ދިމާވި މައްސަލަތަކަކާއެކު މީޑިއާގެ ޕްރެޝަރު އޮޒިލްއަށް ބޮޑުވެގެން ދިޔަ ދުވަސްވަރެއްގައެވެ.
އޮޒިލްގެ އުފަން ގައުމު ތުރުކީގެ ރައީސާއެކު އޮޒިލް ނެގި ފޮޓޯއެއްގެ ސަބަބުން ޖަރުމަނުގެ ފުޓުބޯޅަ ފެޑަރޭޝަނާއި އޮޒިލްއާ ޖެހުނު މައްސަލައެއްގައި އޭނާ ސްކޮޑުން ބޭރުކޮށް އަދަބުވެސް ދީފައި ވެއެވެ. އެ މައްސަލަތަކުގައި އޮޒިލް ގައުމީ ޓީމުން ރިޓަޔާ ކޮށްފައިވާ އިރު، އާސެނަލްގެ މެނޭޖުމަންޓާއި އޮޒިލްއާ ގުޅުން ގޯސްކަން ހާމަވެފައި ވެއެވެ.
އާސެނަލުން ކޮވިޑް 19 އާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ޕްލޭންގެ ދަށުން ކްލަބުގެ މެސްކޮޓްގެ ވަޒީފާ އުވައިލަން ނިންމުމާއެކު، 27 އަހަރު ކްލަބަށް ހިދުމަތްކޮށްދިން މެސްކޮޓްގެ މުސާރައިގައި ހިފައި، ކްލަބުގައި މެސްކޮޓް ބަހައްޓައިދިނީވެސް އޮޒިލްއެވެ. އެކަމުން ސަޕޯޓަރުންގެ ތައުރީފު އަމާޒުވެފައިވީ ނަމަވެސް، ގިނަ ބަޔަކު ދެކޭ ގޮތުގައި އެއީ އޮޒިލް މެނޭޖުމަންޓަށް ދިން ހަމާލާއެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު