ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމް، ދިވެހި އަދި ގުރުއާން ފަދަ މާއްދާތައް އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭ ގޮތުން ކަމާގުޅޭ ފަރާތްތަކާއެކު ނައިބް ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދުވުމުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހި ބަހާއި ގުރުއާން އަދި އިސްލާމް ފަދަ މާއްދާތައް ކިޔަވައިދިނުމުގެ މުހިންމު ކަމާއި ދިވެހިންގެ އާދަކާދައާއި ސަގާފަތަށް އެކުދިން އަހުލުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އަދި އެކަން ހާސިލުކުރުމަށް ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު އަލީގެ އިތުރުން ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އަދި ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސް އޮފީހުން ބުނީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން، ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމް، ދިވެހި އަދި ގުރުއާން ފަދަ މާއްދާތައް ކިޔަވައިދިނުމުގެ މަސައްކަތް ފެށުމަށް އެ އިދާރާތަކުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ވިދާޅުވި ކަމަށެވެ.