ހއ. މޮޅަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާދަމަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އޭނާ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައި އެރަށު ރައްޔިތުން އިހްތިޖާޖުކޮށްފި އެވެ.
މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޝާމް "ވަން" އަށް ވިދާޅުވީ، ނައިބު ރައީސްގެ މަގާމުން އަހުމަދު އާދަމް ވަކިކޮށްދިނުމަށް އެދި ރަށުގެ 160 މީހަކު ސޮއިކޮށް، މިއަދު ހެނދުނު ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ. އެ ޕެޓިޝަންގައި ނައިބު ރައީސްގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ޕެޓިޝަނާ ގުޅޭ އިތުރު މައުލޫމާތެއް އޭނާ ނުދެއްވައެވެ.
"ވަން" އަށް ކޮޕީއެއް ލިބިފައިވާ އެ ޕެޓިޝަންގައި ނައިބު ރައީސް އަހުމަދު އާދަމްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ކައުންސިލްގެ ރައީސް އާއެކު ހޯރަފުއްޓަށް ކުރި ރަސްމީ ދަތުރެއްގައި، ދަތުރުކުރި ޑިންގީގައި ރަށަށް މަސްތުވާތަކެތި ގެނައި ކަމާއި ރައްޔިތުންގެ އާންމު ބައްދަލުވުމެއްގައި އެކަމަށް ނައިބު ރައީސް އިއުތިރާފު ވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން ރަށުގެ އެކި ރައްޔިތުންގެ އަތުން މަކަރާއި ހީތަލުން އަނބުރާ ދައްކާ ގޮތަށް ފައިސާ ނެގުމާއި ރަށުގެ ފިހާރަތަކުން ލޭންދޭނަށް އެއްޗެހި ނެގުމަށްފަހު ތަކުރާރުކޮށް އެދުމުން ވެސް އެ ފައިސާ ދައްކާފައިނުވާ ކަމަށް ވެސް ޕެޓިޝަންގައިވެ އެވެ.
ޕެޓިޝަންގައި އިތުރަށް ބުނެފައިވަނީ، ރަށުގައި ކުރާ ވައްކަންތަކާ ނައިބު ރައީސްއާ ސީދާ ގޮތުން ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އަދި މަގާމުގައި ހުރެ ތަފާތު އެކި ފަހަރު މަތިން ވަކިވަކި ފަރުދުންނާއި އާންމު ތަންތަނުގައި ބޭއަދަބީ ބަހުން މުހާތަބު ކޮށްފައިވާ ކަމަށެވެ.
"މި ސަބަބުތައް މިހެން ހުރުމާއެކު މޮޅަދޫ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި އަދި ކައުންސިލް މެމްބަރުކަމުގެ މަގާމުގައި އަހުމަދު އާދަމް ބެހެއްޓުމަކީ އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އިޔާދަ ނުކުރެވޭނެ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ ފަދަ ކަމަކަށްވާތީ އާއި ރަށުގެ މުޅި ކައުންސިލާ ދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދި، އިތުބާރު ގެއްލިދާނެ ކަމަށް ފެންނާތީ މޮޅަދޫގެ މެޖޯރިޓީ ރައްޔިތުން މިހާރު އެ މަގާމުގައި އަހުމަދު އާދަމް ބަހައްޓަން ބޭނުމެއް ނުވެއެވެ،" ޕެޓިޝަންގައި ބުނެފައިވެ އެވެ.
އެ ޕެޓިޝަން ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މޮޅާދޫ ޒުވާނެއް ކަމަށްވާ އަހުމަދު އަޝްރަފް "ވަން" އަށް ބުނީ، ނައިބު ރައީސްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ތަފާތު އެކި ހާލަތްތަކުގައި ތަފާތު އެކި ގޮތްގޮތުން ޒުވާނުންގެ ފަރާތުން އޭނާއާ ވާހަކަދައްކައި ނަސޭހަތްދީފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު