ރާއްޖޭގެ ދަރަނީގެ ހިސާބުތައް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަލަހައްޓަވާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ސެކްރެޓޭރިއަޓުން ކުރި ޓުވީޓެއްގައި ބުނީ "ދަރަނީގެ ހިސާބުތައް އެ ޕާޓީގެ މިނިސްޓަރު އިބްރާހީމް އަމީރު ބަލަހައްޓަވާނެ" ކަމަށެވެ. ނަމަވެސް އެ ޓުވީޓު ކުރީ ކޮން ކަމަކާ ގުޅުވައިގެން ކަމެއް ބުނެފައެއް ނުވެއެވެ.

ރާއްޖޭގެ ދަރަނީގެ ހިސާބުތައް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަލަހައްޓާނެކަމަށް އެމްޑީޕީން ބުނެފައިވާއިރު، އެންމެ ގިނައިން ރާއްޖެއިން ދަރަނި ދައްކަން ޖެހޭނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ހެނދުނު ވަނީ ވިދާޅުވެފައެވެ.

އެގޮތުން މަޖިލިސް ރައީސް ވިދާޅުވީ، ސަރުކާރަށް މިވަގުތު އާމްދަނީ ވަންނާނެ ގޮތެއް ނެތް ކަމަށެވެ. އަދި 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ގިނަ ދަރަނި ތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ، ދައްކަން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އެންމެ ބުއްދިވެރި ގޮތަކީ 2012 އާއި 2018 އާ ދެމެދު ނަގާފައިވާ ދަރަނިތައް އިތުރު ޖޫރިމަނާއަކާ ނުލައި ރީސްޓްރަކްޗާ ކުރުން ކަމަށެވެ.

މަޖިލިސް ރައީސް އެފަދައިން ވިދާޅުވުމުން އެކަމަށް ފާޑުވިދާޅު ވެ، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، މި ސަރުކާރުގެ ރިކަރަންޓު ހަރަދު ރެކޯޑު މިންވަރަކަށް އިތުރުވުމަކީ ވޯލްޑު ބޭންކުން ފާޑު ކިޔާނެ ކަމެއް ކަމަށާއި އެއީ ދެ އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުގެ ނާގާބިލުކަން އެނގިގެންދާ ކަމެއް ކަމަށެވެ.

ސައީދު ވިދާޅުވީ، ލޯނުގެ ގޮތުގައި މި ސަރުކާރުން 1.2 ބިލިއަން ޑޮލަރު ނަގާފައިވާ ކަމަށެވެ. އޯވާޑުރާފްޓުކޮށް ހަތަރު ބިލިއަން ދިވެހި ރުފިޔާ ޗާޕުކޮށް ނެރެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިންޑިއާ އާއި ރާއްޖޭގެ މަރުކަޒީ ބޭންކުގެ މެދުގައި 200 މިލިއަން ޑޮލަރުގެ ކަރަންސީ ސުވޮޕެއް ހަދާފައިވާކަން ވެސް ސައީދު ފާހަގަކުރެއްވިއެވެ.