ގިނިހިލަ ހޯދުމަށް ރާއްޖޭގައި ޕްރޮގްރާމެއް ފަށަން އިންސްޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ތައްޔާރުވެއްޖެއެވެ.
މިއީ މިފަދަ ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.
އައިޖީއެސްއިން ނެރުނު ބަޔާނެއްގައި ބުނީ، މި ޕްރޮގްރާމް ކުރިއަށްގެންދަނީ ގްރޭޑް 8-12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކަމަށެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް އެއްވެސް ފަރާތަކުން މިހާތަނަށް ހޯދާފައިނުވާ ގިނިހިލައެއް ހޯދުމާ ބެހޭ ތަމްރީން ދެވޭނެ ކަމަށާއި ދަރިވަރުން ގިނިހިލަ ހޯދާނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ޓެލެސްކޯޕުތަކުން އޮންލައިންކޮށް ފޯރުކޮށްދޭ މައުލޫމާތުގެ އެހީގައި ކަމަށްވެސް އައިޖީއެސްއިން ބުންޏެވެ.
އައިޖީއެސްއިން ވަނީ މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށްޓަކައި ދަރިވަރުން ތަމްރީން ކޮށްދިނުމަށް ވޮލެންޓިއަރަކަށްވުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ވޮލެންޓިއަރަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ މެންދަމު 12:00ގެ ކުރިން [email protected] އަށް އެމީހެއްގެ ވަނަވަރު އީމެއިލް ކުރުން އެދޭ ކަމަށް އައިޖީއެސްއިން ބުންޏެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވާ ވޮލެންޓިއަރުން މަސައްކަތް ކުރަން ޖެހޭނީ އައިޖީއެސްގެ ސްޕޭސް އެމްބެސަޑަރުންގެ ގޮތުގައެވެ.
އައިޖީއެސްގެ ފައުންޑަރު އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ، އެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށާއި ދަރިވަރުން ތަމްރީނުކުރުމުގައި ވޮލެންޓިއަރުން ހޭދަކުރަން ޖެހޭނީ މަހަކު މަދުވެގެން ހަތަރު ގަޑިއިރު ކަމަށެވެ.
މީގެ އިތުރުން ރިފްއަތު ވިދާޅުވީ، ވޮލެންޓިއަރުންނަށް ވެސް ގިނިހިލަ ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެ ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ ސެޓްފިކެޓެއް ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު