އޭސީ މިލާންގެ ސްވިޑެން ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ކޮވިޑް-19 އިން ރަނގަޅު، ކަރަންޓީނު ނިންމާލިކަން ކުލަބުން އިއުލާންކޮށްފި އެވެ.

މިލާނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒްލަޓާން އެންމެ ފަހުން ހެދި ދެ ކޮވިޑް ޓެސްޓް ވެސް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ތަމްރީނުތަކާ ގުޅޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޒްލަޓާން އަށް ކޮވިޑް ޖެހުނުކަން އިއުލާން ކުރީ މިދިޔަ މަހު 24 ގަ އެވެ. ކޮވިޑް ޖެހުމުން ޒްލަޓާންގެ ކުރި ތަފާތު ޓުވީޓަކަށް ގިނަބައެއްގެ ސަމާލުކަން ވެސް ހުއްޓުނެވެ.

"އަހަރެން އިއްޔެ ކޮވިޑަށް ނެގެޓިވް. މިއަދު ޕޮޒިޓިވް. އެއްވެސް އަލާމާތެއް ނެތް. ކޮވިޑް އަހަރެންނާ ޗެލެންޖު ކުރުމުގެ ހިތްވަރު އެބަހުރި. އެއީ ބޮޑު ގޯހެއް،" ކޮވިޑަށް ޕޮޒިޓިވްވުމުން ޒްލަޓާން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

މިހާތަނަށް މި ސީޒަނުގައި ކުޅުނު ދެ މެޗުން ޒްލަޓާން ވަނީ ތިން ގޯލް ޖަހައިފަ އެވެ. އުމުރުން 38 އަހަރުގެ ޒްލަޓާން މި ސީޒަނަށް ރިޓަޔާ ކުރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އޭނާ ބުނެފައިވަނީ ފުޓުބޯޅަ ކުޅުން ހުއްޓާލަން އަދި ނުވިސްނާ ކަމަށެވެ.

ކޮވިޑާ ގުޅިގެން ކުޅިވަރުގެ ގިނަ ކަންކަމަށް ބަދަލުތައް ގެންނަން މަޖުބޫރުވެފައިވާ އިރު، ކޮންމެ މެޗެއްގެ ކުރިން މިހާރު ކުޅުންތެރިން ޓެސްޓް ކުރެ އެވެ. މެޗުތައް ވެސް ކުޅެނީ ސަޕޯޓަރުން ނުވައްދަ އެވެ.