ޗެލްސީއާ މި ސީޒަނަށް ގުޅުނު ގޯލްކީޕަރު އެޑުއާޑް މެންޑީއަށް އަނިޔާވެއްޖެ އެވެ.

މެންޑީގެ ގައުމު، ސެނެގާލްގެ ގައުމީ ޓީމުގެ މެޗަކަށް ފަރިތަކުރަމުން ދަނިކޮށް މެންޑީއަށް އަނިޔާވެ، އަނބުރާ ޗެލްސީއަށް ގޮސްފައިވާކަން ކުލަބުން ވަނީ ޔަގީން ކޮށްދީފަ އެވެ. ޗެލްސީން ބުނެފައިވަނީ ސެނެގާލްގެ ރަބަޓްގެ ހޮސްޕިޓަލަކުން މެންޑީގެ އަނިޔާގެ ތަފްސީލުތައް ބެލުމަށްފަހު މިހާރު ޗެލްސީއަށް އަނބުރާ ގޮސްފައިވާ ކަމަށާއި އަނިޔާ ލިބިފައިވަނީ ފަލަމަސް ގަނޑަށް ކަމަށެވެ.

މެންޑީއަށް ގެއްލޭނީ ކިތައް މެޗު ކަމެއް އަދި ޗެލްސީން ހާމަކޮށްފައެއް ނުވެ އެވެ. ފަލަމަސް ގަނޑުގެ އިތުރު ސްކޭންތަކަށްފަހު ޗެލްސީން މެންޑީއަށް ލިބުނު އަނިޔާގެ ތަފްސީލު މިއަދު ހާމަކުރާނެ ކަމަށް ބެލެވެ އެވެ.

ޗެލްސީން އުމުރުން 28 އަހަރުގެ މެންޑީ ގެންދިޔާ އެ ކުލަބުގެ ގޯލްކީޕަރު މައްސަލައަށް ހައްލެއް ހޯދުމަށެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޗެލްސީއާއެކު އެއްބަސްވުން ހަދާފައިވާ މެންޑީ މިހާތަނަށް ޗެލްސީ އަށް ކުޅުނު ދެ މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައި އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން ކްލީން ޝީޓް ވެސް ހޯދާފައިވެ އެވެ.

ޗެލްސީގެ ގޯލްކީޕަރު މައްސަލަ މިދިޔަ ސީޒަނުން ފެށިގެން އަންނަނީ ދިމާވަމުންނެވެ. ސްޕެއިންގެ ކެޕާ އަރީޒާބަލާގާގެ ފޯމް ގެއްލި، ޗެލްސީން އޭނާއަށް ބަރޯސާވުން ކުޑަކުރުމަށް މެންޑީ ގެންދިޔައީ ބަދަލު ގޯލްކީޕަރަކަށް އޭރު ހުރި ވިލީ ކަބަލޭރޯއާއެކު މުހިންމު މެޗުތަކެއް ކުޅުމަށްފަހު އެވެ. ކަބަލޭރޯގެ އުމުރުން މިހާރު 39 އަހަރު ވެފައިވުމާއެކު ޗެލްސީއަށް އެންމެ އެކަށީގެންވާ ފޯމެއްގައި އޭނާއަށް މުޅި ސީޒަން ނުހިފެހެއްޓޭނެ ކަމަށް ލަމްޕާޑް ކުރިން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ސެނެގާލުން މިރޭ މޮރޮކޯއާ ދެކޮޅަށް ނުކުންނައިރު، އަންނަ ހަފްތާގެ ލީގުގައި ޗެލްސީ ކުޅޭ މެޗަށް މެންޑީ ފިޓްވާނެ ކަމަކަށް ނުބެލެވެ އެވެ. މެންޑީ ފިޓް ނުވެއްޖެނަމަ އެ މެޗަށް ނެރޭނެ ކަމަށް ބެލެވެނީ މިހަފްތާގައި ސްޕެއިން ގައުމީ ޓީމުގެ ގޯލް ބެލެހެއްޓީ ކެޕާ އެވެ. ކެޕާގެ ފޯމާމެދު ލަމްޕާޑް ކުރިން ވެސް ސުވާލު އުފައްދާފައިވެ އެވެ.