ސްޕޯޓްސް ކައުންސިލުގެ ރައީސްގެ މަގާމަށް އިބްރާހިމް ނާހިދު އައްޔަންކުރައްވައިފިއެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ސްޕޯޓްސް ކައުންސިލްގެ ރައީސް ކަމަށް އިބްރާހީމް ނާހިދު އައްޔަން ކުރައްވާފައިވާ ކަމަށެވެ. އަދި ނާހިދުގެ ތަޖުރިބާ އާއި ކުޅިވަރުގެ ތަޖުރިބާ މުޅި ކުޅިވަރުގެ އާއިލާއަށް ބޭނުންތެރިވާނެ ކަމަށްވެސް މަހުލޫފު ވިދާޅުވެފައި ވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކުޅިވަރަށް ހިދުމަތް ކުރެއްވުމަށް ސްޕޯޓްސް ކައުންސިލްގެ ރައީސްއަކަށް ހުންނެވި އިބްރާހީމް އިސްމާއީލް މިދިޔަ މަސް ދުވަހުގެ ތެރޭގައި ވަނީ ރިޓަޔާ ކުރައްވައިފައެވެ. އިބްރާހީމް އިސްމާއީލްގެ ރިޓަޔާމަންޓާއެކު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އޭނާގެ ހިދުމަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފައެވެ.

ސްޕޯޓްސް ކައުންސިލަށް އައްޔަންކުރައްވާފައިވާ ނާހިދަކީ ކުޅިވަރުގެ، ހާއްސަކޮށް ބާސްކެޓް ހިންގުމުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ފަރާތެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ބާސްކެޓް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައިވެސް މަސައްކަތްކުރި ނާހިދަކީ ބާސްކެޓް ކެޕްޓަނެއްގެ އިތުރުން ކޯޗެއްވެސް މެއެވެ.

ޖަކަޓާގައި 2018 ވަނަ އަހަރު ބޭއްވި އޭޝިއަން ގޭމްސް އާއި، 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި، 2019 ވަނަ އަހަރު ކަތަމަންޑޫގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ބައިވެރިވި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަކީވެސް ނާހިދެވެ. މީގެ އިތުރުން ރާއްޖޭގައި 2023 ވަނަ އަހަރު ބޭއްވުމަށް ނިންމާފައިވާ އައިއޯއައިޖީގެ ބިޑް ކޮމިޓީގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.

ސްޕޯޓްސް ކައުންސިލަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ބޮޑީއެކެވެ. މައިގަނޑު މައްސޫލިއްޔަތަކީ ކުޅިވަރުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލުމެވެ. އެ މަސައްކަތުގެ ބޮޑުބައި މިހާރުވެސް ވަނީ ނިންމާފައެވެ.