ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލުމުގެ ސަބަބަން އާމްދަނީއަށް އަސަރު ކުރި މީހުންނަށް ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް ދޫކުރުމުގެ މުއްދަތު އަންނަ ޑިސެމްބަރު މަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އިންކަމް ސަޕޯޓާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ޑިސެމްބަރާ ހަމައަށް މުއްދަތު އިތުރު ކޮށްފައިވީ ނަމަވެސް އެއަށްވުރެ މުއްދަތު އިތުރުކުރަން ޖެހިއްޖެނަމަ އެކަން ކުރައްވާނެ ކަމަށެވެ.

"އެ މުއްދަތު އިތުރަށް އެކްސްޓެންޑް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކްސްޓެންޑު ވެސް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިމަހުގެ ފުރަތަމަ ދުވަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 96.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

މީގެ ކުރިން އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ޖޫން މަހާ ހަމައަށް ފައިސާ ދޫކުރި އިރު ދެވަނަ ފިޔަވަހީގައި ފައިސާ ދޫކޮށްފައިވަނީ ޖުލައި އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކުރަނީ ވަޒީފާ ގެއްލުނު ކޮންމެ ފަރާތަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ.