ދިރާގާއެކު ހޭދަވި އެންމެ އުފާވެރި ހިނދުކޮޅުތަކުގެ ޕޮޓޯ ނުވަތަ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްލައިގެން އަގުހުރި އިނާމުތަކެއް ލިބޭ ކެމްޕޭނެއް އެ ކުންފުނިން ފަށައިފިއެވެ.

ދިރާގަށް 32 އަހަރު ފުރުނު ދުވަހާ ގުޅުވައިގެން މިއަދު ސޯޝަލް މީޑިއާގައި "މާރަނގަޅު"ގެ ނަމުގައި ފެށި މި ކެމްޕޭނުގައި ވަރަށް އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ފޭސްބުކް، އިންސްޓާގްރާމް އަދި ޓުވިޓާގައި "MaaRangalhu#" މި ހޭޝްޓެގް ޖެހުމަށްފަހު ދިރާގާއެކު ހޭދަވި އެންމެ އުފާވެރި ހިދުކޮޅުތަކުގެ ޕޮޓޯ ނުވަތަ ވީޑިއޯ ޝެއާ ކޮށްލުމުން މި ކެމްޕޭނުގައި ބައިވެރިވެވޭނެއެވެ.

މި ކެމްޕޭނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ތިން ނަސީބުވެރިން ހޮވާނެއެވެ. އެގޮތުން ފުރަތަމަ ނަސީބުވެރިއަކަށް ސެމްސަންގް ގެލެކްސީ ނޯޓް 20 5ޖީ ފޯނަކާއި ސެމްސަންގް 64ޖީބީ ސެޑީ ކާޓަކާއި ސެމްސަންގް ވަޔާލެސް ޗާޖަރަކާއި ސެމްސަންގް ގެލެކްސީ ބަޑްސް+ އެއް ދޭނެއެވެ. އަދި ދެވަނައަށް ހޮވޭ ފަރާތަކަށް އެޕަލް އެއާ ޕޮޑްސް ޕްރޯ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް އެމޭޒަން އެކޯ ޑޮޓް (3 ގެން) ދޭނެއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 14 ވަނަ ދުވަހުގެ 23:59ގެ ނިޔަލަށް ކަމަށެވެ.

ރާއްޖޭގެ މުވާސަލާތީ ދާއިރާގައި ދިރާގުން ހިދުމަތް ފޯރުކޮށްދޭތާ މިވީ 32 އަހަރުގެ ތެރޭގައި އެކުންފުނިން ވަނީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައެވެ. ދިރާގުން ބުނީ، އެކުންފުނީގެ އަމާޒަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.