އެކައުންޓްތައް ފްރީޒް ކުރުމުން އެމްނެސްޓީގެ އިންޑިއާ ގޮފީގެ މަސައްކަތްތައް މަޑުޖައްސާލައިފިއެވެ.

އިންސާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރާ އެމްނެސްޓީ އިން ވަނީ އިންޑިއާ ސަރުކާރުގެ ފިއްތުންތަކާއި އަޅަމުން ގެންދާ ހުރަސްތަކުގެ ތެރެއިން އެޖަމިއްޔާގެ އިންޑިއާ ގޮފީގެ ބޭންކު އެކައުންޓް ފްރީޒް ކޮށްފައިވާތީ އެގައުމުގައި ހިންގަމުން އަންނަ ހަރަކާތްތައް މަޑުޖައްސާލައިފައިވާ ކަމަށް ބުނެފައެވެ.

އެމްނެސްޓީ އިންޑިއާ ގޮފީގައި މަސައްކަތް ކުރާ މުވައްޒަފުންވެސް މަސައްކަތުން އެކަހެރިކޮށް މިސަރަހައްދުގައި އެމްނެސްޓީ އިން ކުރިޔަށްގެންދާ ދިރާސާތައްވެސް ވަނީ މަޑުޖައްސާލައިފައެވެ.

އެމްނެސްޓީއިން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން އިންޑިއާގައި ހިންގަމުންގެންދާ އިންސާނިއްޔަތާ ހިލާފު ކަންކަމާބެހޭގޮތުން އެޖަމިއްޔާއިން ބަސްބުނުމުން ފާއިތުވެދިޔަ ދެއަހަރު ސަރުކާރުން ފިއްތުންތައް ކުރިމަތިވެ އެންމެފަހުން ބޭންކު އެކައުންޓްތައް ވެސް ވަނީ ފްރީޒް ކޮށްފަ އެވެ.

އެމްނެސްޓީގެ އިންޑިއާ ގޮފީގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ މިމަހުގެ 10 ވަނަދުވަހުއެވެ.