ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނަށް އެލަވެންސްގެ ގޮތުގައި 79.2 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ކޮވިޑުގެ ސަބަބުން ކުރިމަތިވި އިގުތިސޯދީ ކާރިސާއާ ގުޅިގެން ވަޒީފާ ގެއްލި، ވަޒީފާގެ ހާލަތަށް އަސަރުކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސަޕޯޓް" ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް 7742 މީހަކަށް 79.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. މި އެހީ ދެނީ ކޮވިޑް 19 އާ ގުޅިގެން އިގުތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ. އެގޮތުން އެ ޕެކޭޖުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދޫކުރި ފައިސާގެ އަދަދު ވަނީ އެއް ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
އިންކަމް ސަޕޯޓް އެލަވެންސްގެ ތެރެއިން މިދިޔަ ޖުލައި މިމަހުގެ އެލަވެންސަށް އެދި ހުށަހެޅުމުގެ މުއްދަތު މިމަހުގެ 15 ވަނަ ދުވަހަށް ހަމަވެފައިވާ އިރު، އޮގަސްޓު މަހުގެ އެލަވެންސަށް މިމަހުގެ ކުރިން ހުށަހަޅަންޖެހެ އެވެ. މިމަހުގެ އެލަވެންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 30 އޮކްޓޫބަރު ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
ސަރުކާރުން އެންމެ ފުރަތަމަ އާންމުކުރި އިންކަމް ސަޕޯޓް އެލަވެންސް އުސޫލުގައި ބުނެފައިވާ ގޮތުން އެ އެލަވެންސް ލިބޭނީ މިއަހަރުގެ މާޗު މަހުން ފެށިގެން އާމްދަނީއަށް ނުވަތަ ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ފަހުން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށް ވެސް އިންކަމް ސަޕޯޓް އެލަވެންސް ދޭން ނިންމައިފަ އެވެ.
އެލަވެންސް ދޭނީ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ މީހުންނަށާއި މުސާރަ ނުލިބޭ ގޮތަށް ނޯޕޭއަށް ފޮނުވާފައިވާ މީހުންގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ.
އަލަށް އެކުލަވާލި އުސޫލުގައި ވެސް ވަޒީފާއިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑް ކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް ދޭން ނިންމާފައިވަނީ 5،000 ރުފިޔާގެ އެލަވެންސެކެވެ. މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000 ރުފިޔާއަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000 ރުފިޔާއިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.
މީގެ އިތުރުން އެލަވެންސް ދިނުމުގައި ހުށަހަޅާފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5،000 ރުފިޔާއިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް ލިބޭނެ އެވެ. ނަމަވެސް އެލަވެންސް ހޯދުމަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ބޮޑު އަދަދެއްނަމަ އެ މީހަކަށް އެލަވެންސް ނުލިބޭނެ ކަމަށްވެސް އުސޫލު ބުނެ އެވެ.
އުސޫލު ބުނާ ގޮތުން، އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށްވެސް 5،000 ރުފިޔާގެ އެލަވެންސް ލިބޭނެ އެވެ. އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އެލަވެންސް ލިބޭނީ އިތުރު ވަޒީފާއެއް އަދާނުކުރާ މީހުންނަނަށެވެ. މި އެލަވެންސް ދޭނެ މީހުންގެ ތެރޭގައި އަމިއްލަ މަސައްކަތްތެރިން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކެއް ނުހިމެނެ އެވެ.
އެލަވެންސް ލިބުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެއްސަކަށްވުމާއި ޑިސެމްބަރު 1، 2019 އިން ފެށިގެން އެލަވެންސަށް އެދި ހުށަހަޅާ ތާރީހާ ހަމައަށް އޮންނަ މުއްދަތުގެ ތެރެއިން އެއްވެސް އިރެއްގައި ވަޒީފާއެއްގައި ހުރި މީހަކަށް ނުވުމާއި ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން ހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު