އުމުރުން 38 އަހަރުގެ ސްވިޑެން ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗްގެ ދެގޯލާއެކު އޭސީ މިލާނުން މޮޅަކާއެކު ސީޒަން ފަށައިފިއެވެ.
ރޭ އިޓާލިއަން ސެރެއާ އޭގައި އޭސީ މިލާނުން ކުޅުނު މެޗުގައި ބޮލޯނާގެ މައްޗަށް ކުރިހޯދީ 2-0ގެ ނަތީޖާއަކުންނެވެ. ސަން ސީރޯގައި ކުޅުނު މެޗުގައި ގިނަ ބަޔައެއްގެ ކަޅި ހުއްޓުނީ މިލާންގެ ވެޓެރެން ފޯވަޑް އިބްރަހިމޮވިޗަށެވެ.
މިދިޔަ ސީޒަނަކީ އިބްރަހިމޮވިޗްގެ އެންމެފަހު ސީޒަން ކަމަށް ބެލެވެމުންދަނިކޮށް، އޭނާ މިލާންގައި އިތުރަށް މަޑުކުރާނެ ކަމަށް ނިންމައި އިއުލާން ކުރީ ތަފާތު ގޮތަކަށެވެ. ހަމަޖެހިލައިގެން ނިދާލާފައި އޮތް ޕޯސްޓަކުން ބުނެދީފައި ވަނީ "އަންނަން އޮތް ތޫފާން ބޮޑުކަމުން މަޑުކޮށްލީ" ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު މިލާން ޖާޒީގައި ހުރި ފޮޓޯއަކާއެކު ޖަހާފައި ވަނީ ކުރީގެ ސީޒަނަކީ ވާމް އަޕެއް ކަމަށެވެ.
އިބްރަހިމޮވިޗަކީ އަބަދުވެސް އޭނާގެ ވަރުގަދަކަން ސިއްގާއެއްގެ ވަރުގަދަކަމާ އަޅައި ކިޔާތަން ފެންނަ ކުޅުންތެރިއަކަށްވާއިރު، އުމުރުން 38 އަހަރުގައިވެސް އޭނާ ނުހުއްޓުވޭނެ ކަމަށް ކުރިންވެސް ބުނެފައި ވެއެވެ.
ރޭގެ މެޗުގައި އިބްރަހިމޮވިޗް ޖެހި ފުރަތަމަ ގޯލަކީ ތިއޯ ހެނާންޑޭޒްގެ ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ދެވަނަ ގޯލް ހާފް ނިމުމުގެ ކުރިން ޖެހީ ލިބުނު ޕެނެލްޓީއަކުންނެވެ. މެޗުގައި އިބްރަހިމޮވިޗްގެ އިތުރު ނުރައްކާތެރި ހަމަލާތަކެއްވެސް ފެނިގެންދިޔައިރު، އޭނާގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ.
ރޭގެ މެޗުގައި ސިޓީއަށް ކުރިން ކުޅުނު، ރެއާލްގެ ލޯންގައި މިލާނަށް ދިޔަ ބްރަހީމީ ޑިއާޒް ފެނިގެން ގޮސްފައިވެއެވެ. މިދިޔަ ސީޒަންގެ ލީގުގައި މިލާން ނިންމާލީ ހަވަނައިގައެވެ. އެއީ ޗެމްޕިއަންސް ލީގު ޖާގައަށް 17 ޕޮއިންޓް މަދުންނެވެ. އޭސީ މިލާނަށް މިސީޒަންގެ އަމާޒަކީ ޗެމްޕިއަންސް ލީގު ކަމަށް ސްޓެފާނޯ ޕިއޯލީ ވަނީ ކުރިން ބުނެފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު