ތިލަފުށި ހިންގަމުންގެންދާ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އާއި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެއްކޮށްލައިފިއެވެ.

އެޗްޑީސީ އާއި ޖީއެމްއައިޒެޑްއެލް އެއްކޮށްލުމަށް ސަރުކާރުން ނިންމާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ސަރުކާރުގެ މި ނިންމުމާއެކު ލީޑް ކުރާނީ އެޗްޑީސީންނެވެ.

ޖީއެމްއައިޒެޑްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިގޮތަށް ނިންމަވާފައިވަނީ ދެ ކުންފުނި އެއްކޮށްލުމުން މާލީ ގޮތުންނާއި އަދި ހިންގުމުގައި ލިބޭނެ ފައިދާތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އަދ ހުޅުމާލެ އާއި ތިލަފުށި އަދި ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓާ މާލޭ ސަރަހައްދު ތަރައްގީކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށްގެންދިއުމުގެ މަގްސަދުގައި ކަމަށެވެ.

"ސަރުކާރުން އެކުލަވާލައްވާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ތަރައްގީ ކުރުމުގެ މަސައްކަތްތައް އެޗްޑީސީން ކުރިއަށްގެންދާނީ ސަރުކާރުގެ މަޝްވަރާއާއި ލަފާގެ މަތިން،" ބަޔާނުގައިވެއެވެ.

ޖީއެމްއައިޒެޑްއެލް އިން ބުނީ ފުރަތަމަ މަރުހަލާއެއްގެ ގޮތުން އެކުންފުނީގެ އެންމެހައި އެ ސެޓްސްއާ ލައިބިލިޓީސް އާއި މުއައްޒަފުން އަދި އެންމެހައި އެއްބަސްވުންތަކާއި ކުންފުނީގެ މައްޗަށް އޮތް އެންމެހައި އިލްތިޒާމްތަކާއި ޒިންމާތައް އެޗްޑީސީއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން އެ ކުންފުންޏާއެކު ހެދިފައިވާ އެއްބަސްވުންތަކަށާއި ލިޔެކިޔުންތަކަށް ގެންނަންޖެހޭ އެންމެހައި ބަދަލުތައް ގެނައުމަށް އެ ކުންފުނިން އެފަރާތްތަކާއެކު މުއާމަލާތްކުރަމުން ގެންދާނެ ކަމަށްވެސް ޖީއެމްއައިޒެޑްއެލް އިން ބުންޏެވެ.