ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލަރުން ސަސްޕެންޑު ކުރި އުސޫލު ހައި ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ އުސޫލު އެލްޖީއޭއިން އެކުލަވާލާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުމުގެ ގާނޫނުގެ 149 ވަނަ މާއްދާއިން ބާރު ލިބިގެންނެއް ނޫނެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 149 ވަނަ މާއްދާއަކީ ދެ ކައުންސިލެއްގެ ދެމެދުގައި އުފެދޭ ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެލްޖީއޭއިން ގޮތެއް ނިންމަންޖެހޭ ކަމަށް ބުނާ މާއްދާއެކެވެ. އެ މާއްދާއަކީ ކައުންސިލުތަކާ މެދު ފިޔަވަޅު އެޅުމާ ބެހޭ މާއްދާއެއް ކަމަށް ނުވާތީ އެއީ ގާނޫނީ އިމުން ބޭރުން އެލްޖީއޭއިން އެކުލަވާލި އުސޫލެއް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

"25 ޖުލައި 2016ގައި އަމަލުކުރަން ފެށި ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 149 ވަނަ މާއްދާއިން ބާރު ލިބިގެން އެ މާއްދާގެ އިމުގެ ތެރެއިން ހަދާފައިވާ އުސޫލެއްކަމަށް ނުވާތީ، މި އުސޫލަކީ ގާނޫނު އަސާސީގެ 61 ވަނަ މާއްދާގެ (ށ) އާއި، 84 ވަނަ މާއްދާއާއި، 271 ވަނަ މާއްދާއާއި، 274 ވަނަ މާއްދާގެ (ހ)އިން ގާނޫނުން ބާރުލިބިގެން ހަދާ ގަވައިދުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަނުކޮށް، އެ މާއްދާތަކާ ހިލާފަށް އެކުލަވާލައިފައިވާ އުސޫލެއްކަމަށްވާތީ، މި އުސޫލަކީ ގާނޫނު އަސާސީގެ 268 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ހ)ގެ ދަށުން ބާތިލު އުސޫލެއް ކަމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކޮށްފީމެވެ.." ހައި ކޯޓުން ކުރި ހުކުމުގައި ބުންޏެވެ.

ގާނޫނު އަސާސީގެ 268 ވަނަ މާއްދާގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ހަދާ އެންމެހާ ގާނޫނުތައް ހަދަން ވާނީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީން ގާނޫނު އަސާސީން ލާޒިމުކުރާ އެންމެހާ ކަންކަން ފުރިހަމަކޮށްގެން ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފުވާ ގޮތަކަށް ހަދާ ކޮންމެ ގާނޫނެއް، ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ވާނީ ބާތިލު އެއްޗަކަށް ކަމަށާއި އެފަދަ ގާނޫނެއް ނުވަތަ ގާނޫނުގެ ބައެއްގެ ބާރުވެސް ނުހިނގާނެ ކަމަށް ބުނެފައިވެއެވެ. އެ މާއްދާގައި ބުނީ، ގާނޫނު އަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަަމަކީ ބާތިލު ކަމެއް ކަމަށެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ.