ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަށް ދިރާގުން ދޭ ހާއްސަ ޑިޖިޓަލް މުވާސަލާތުގެ ހިދުމަތް ކަމަށްވާ "ފޯންމީޓިން 130" މިއަހަރުވެސް ދޭން ނިންމައިފިއެވެ.
ދިރާގުން ބުނީ "ފޯންމީޓިން 130" އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ބީވީއައިއެސްއެމް އަށް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. ދިރާގުން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާއަށް މި ހިދުމަތް ހިލޭ ފޯރުކޮށްދެމުންނެވެ.
ދިރާގުން ބުނީ މި ހިދުމަތަކީ އެ ޖަމިއްޔާއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ހިދުމަތްތެއް ކަމަށާއި އެހެނިހެން އިޖުތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީވީއައިއެސްއެމް އަށް ދިމާވާ ކަމަށެވެ.
"ޖަލްސާތައް ބާއްވަން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން މީޓިން ބޭއްވުމަކީ ފަސޭހަ ކަމަކަށް ނުވޭ. ދިރާގުން މި ހިދުމަތް ހިލޭ ފޯރުކޮށްދިނުމުން، ފަސޭހަކަމާއެކު ޖަމިއްޔާ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭ. އަދި މި ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ 200 ޖަމިއްޔާގެ މެންބަރުންނަށް ޖަމިއްޔާގެ ޖަލްސާތައް ބޭއްވުމަށް ފަސޭހަވެ، މެންބަރުންގެ މެދުގައި އެކުވެރިކަމާއި ރަހުމަތްތެރިކަން ބަދަހިކުރަން ވަރަށް ބޮޑު އެހީއަކަށް ވެގެންދޭ،" ދިރާގުން ބުންޏެވެ.
ބީވީއައިއެސްއެމް އިން ފޯންމީޓީން 130 ބޭނުންކޮށްގެން ތަފާތު ގިނަ ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ. އެގޮތުން މަދަހަ މުބާރާތްތަކާއި ގުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގުރާމްތައް ހިމެނެއެވެ. މީގެ އިތުރުން ޖަމިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭ މިފަދަ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ތައުލީމީ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށްވެސް ފޯންމީޓީން 130 ބޭނުންކުރެއެވެ.
"ވޭތުވެދިޔަ އަހަރުތަކުގައި ބީވީއައިއެސްއެމް އިން ވަނީ މި ހިދުމަތް މެދުވެރިކޮށް ހިސާބު، ލެޓިން، އަރަބި އަދި ގުރުއާން ފަދަ ކްލާސްތައް ކުރިއަށް ގެންގޮސްފައި. ކޮވިޑް19ގެ ސަބަބުން ލޮކްޑައުންގެ ހާލަތުގައިވެސް ބީވީއައިއެސްއެމް. ވަނީ މި ހިދުމަތް މެދުވެރިކޮށް މެދުކެނޑުމެއްނެތި ޖަމިއްޔާގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި. ވަކިން ހާއްސަކޮށް ކޮވިޑާ ގުޅިގެން ބީވީއައިއެސްއެމް އިން ވަނީ ސިއްހީ ހޭލުންތެރިކަން އަދި އަމިއްލަ ނަފުސަށް އިތުބާރުކުރުމުގެ ހޭލުންތެރިކަން އިތުރު ކުރުމުގެ މުހިންމު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައި،" ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ މި ހިދުމަތް ދިނުމުގެ މައިގަޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި އަމާޒަކީ މުސްތަގުބަލުގައި ވެސް މިފަދަ އިޖުތިމާއީ ކަންކަމުގައި އިތުރަށް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް ދިރާގުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު