ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ގަވައިދު ގެޒެޓްގައި ޝާއިއުކޮށް އާއްމުކޮށްފި އެވެ.

އެ ބޯޑަކީ ދައުލަތުގެ ޕްރޮކިއުމަންޓުގެ ސިޔާސަތު ކަނޑައަޅައި، ގަވާއިދުތައް ހަދައި ހިންގައި، ގަވާއިދާ އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބަލައި ފިޔަވަޅު އަޅަމުން ގެންދާނެ މުސްތަގިއްލު ފަރާތެއް ކަނޑައަޅައި އެ މަސައްކަތް ވިލަރެސްކުރުމާއި ޕްރޮކިއުމަންޓް މަސައްކަތް ކުރާ ފަރާތްތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމާއި ބީލަންވެރިންނަށް ދެފުށް ފެންނަ ވާދަވެރި ބީލަމުގެ މާހައުލެއް ގާއިމުކޮށް ދިނުމަށް ޓަކައި އުފައްދައިފައިވާ ބޯޑެކެވެ.

މިނިސްޓްރީ އޮފް ފިނޭންސުން ބުނީ، އެ ބޯޑަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ ބޯޑެއް ކަމަށެވެ.

ހިންގާ ގަވައިދުގައިވާ ގޮތުން، މި ބޯޑުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި، 20 ކަމެއް ވަނީ ހިމަނައިފައެވެ.

އޭގެ ތެރޭގައި މާލިއްޔަތު ގަވާއިދާ އެއްގޮތަށް "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" ރާވައި ހިންގައި ތަންފީޒުކުރުމާއި، ދައުލަތުގެ ޕްރޮކިއުމަންޓް ނޒާމު ހަރުދަނާގޮތެއްގައި ރާވައި ހިންގުމަށްޓަކައި ހަދަންޖެހޭ ހުރިހާ ޤާނޫނާއި ގަވާއިދުތައް އެކުލަވައިލުމާއި، އެ ގަވާއިދުތަކަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި، ފައިސާއާ ބެހޭ ކަންކަން ބެލެހެއްޓުން އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރުގެ ލަފާގެ މަތިން ބަދަލުތައް ގެނައުމާއި، ދައުލަތުގެ ޕްރޮކިއުމަންޓުގެ ތެރެއިން ކުރެވޭ ޚަރަދުތަކަކީ، އެކުރެވޭ ހަރަދުތަކާއި އަޅައިބަލާއިރު އެކަށޭނެ ހިދުމަތްތަކެއް ލިބޭ ހަރަދުތަކެއްކަން ޔަގީންކުރުމާއި، އެ ހަރަދުތައް ކުރުމުގައި އިކޮނޮމިކް އެފިޝަންސީ ހާސިލުކުރެވޭނެ އުސޫލުތަކެއް އެކަށައެޅުން ހިމެނެއެވެ.

މީގެ އިތުރުން އެންމެހައި ބީލަންވެރިންނަށް ދެފުށް ފެންނަ، ހާމަކަންބޮޑު، ވާދަވެރި ބީލަމުގެ މާހައުލެއް ގާއިމުކޮށްދިނުން؛ ހަމަހަމަކަމާއެކު އެންމެންނަށް ބީލަމުގެ މަރުޙަލާގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުމާއި، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޕްރޮކިއުމަންޓް ނިޒާމެއް ގާއިމުކުރުމާއި، ަދއުލަތުގެ ހުރިހާ މުވައްސަސާތަކުން ކުރިޔަށް ގެންދާ ބީލަމުގެ މަރުހަލާތައް އެއް ހަމައަކުން ކުރިއަށްގެންދިޔުމާއި، ބީލަމުގެ މަރުޙަލާގައި މަސްއޫލުވާ ހުރިހާ ފަރާތްތަކުގެ ނަޒާހަތްތެރިކަން ދެމެހެއްޓުވުމާއި ޕްރޮކިއުމަންޓުގެ މަސައްކަތް ކުރާ ފަރާތްތަކުގެ ފަންނީ ޤާބިލްކަން އިތުރުކުރުމާއި، ަރއްޔިތުންގެ އިތުބާރު ލިބިފައިވާ ބީލަމުގެ މައްސަލަ ބަލާ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާއި، ޕްރޮކިއުމަންޓް އުސޫލުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތައް ދިރާސާކޮށް، ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ތަފުސީލީ ގައިޑްލައިންތައް އެކުލަވައިލައި، އެ ގައިޑްލައިންތައް އާންމުކޮށް، ދައުލަތުގެ ޕްރޮކިއުމަންޓް މަސައްކަތްތައް އެއާ އެއްގޮތަށް ތަންފީޒުކުރުންވެސް ހިމެނެއެވެ.