އޭލެވެލް އަދި އޭއެސް އިމްތިހާނަށް ތައްޔާރުކުރުވުމުގެ ގޮތުން މާލެ ސަރަހައްދުގެ ގްރޭޑް 11 އާއި ގްރޭޑް 12ގެ ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މާލޭގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމަށްފަހު، ސްކޫލުތަކަށް ހާޒިރުވެ ކިޔަވައިދޭން ފަށާފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުއެވެ. ނަމަވެސް މިފަހުން ކޮވިޑް 19ގެ ކޭސްތައް އިތުރުވާން ފެށުމުގެ ސަބަބުން ބޮޑު އީދު ބަންދަށްފަހު ކްލާސްތައް ބާއްވަން ފަށައިފައެއް ނުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތީން، އޭލެވެލް އަދި އޭއެސް އިމްތިހާން ހަދާ ދަރިވަރުން އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ސްކޫލަށް ގެންގޮސް ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

މިނިސްޓްރީން އެހެން ބުނެފައި މިވަނީ ކުރިއަށް އޮތް ދެ ހަފުތާ މާލެ ސަރަހައްދުގެ ކްލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ބުނެފައިވަނިކޮށެވެ.

ގްރޭޑް 11 އާއި 12ގެ ދަރިވަރުން ސްކޫލަށް ގޮސްގެން ކިޔަވައިދޭން ނިންމި ނަމަވެސް އެހެން ގްރޭޑްތަކަށް ކްލާސްތައް ނަގައިދޭނީ އޮންލައިންކޮށެވެ.