މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައި، އިތިބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ފަޒީން "ވަން" އަށް ވިދާޅުވީ ޝިފާ އަދި ޝަމާއުގެ 39 މައްސަލައެއް މިދިޔަ ޖުލައި މަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.
އެގޮތުން އެ މައްސަލަ ކުރިއަށް ގެންދިއުމަށް ކައުންސިލްގެ އަށް ބޭފުޅަކު ވޯޓް ދެއްވި ކަމަށާއި އެކަމާ ދެކޮޅަށް ވޯޓް ދެއްވީ ދެ ކައުންސިލަރެއް ކަމަށް ފަޒީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެ ބޭފުޅުންނާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތަކަށް ޖަވާބުދާރީވާން ދިހަ ދުވަސް ކައުންސިލުން ދީފައިވާ ކަމަށާއި މިއަދުވެސް އެކަމާ ގުޅިގެން އެއްވެސް ޖަވާބެއް ފޮނުވަން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލް ބައްދަލުވުމުގައި އިތުބާރުނެތްކަމުގެ ވޯޓް ނަގާނެ ކަމަށެވެ.
ތޭރަ މެންބަރުން ހިމެނޭ މާލޭ ސިޓީ ކައުންސިލުގައި މުޅިން ވެސް ތިއްބަވަނީ އެމްޑީޕީ މެންބަރުންނެވެ. ނަމަވެސް އެ މެންބަރުންގެ މެދުގައި އެކި ކަންކަމުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި ދޭތެރެ ދޭތެރެއިން އެކި ކަންކަމުގައި ބޮޑެތި ދެބަސްވުންތަކެއް އުފެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު