ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނަގަން އެދުނު 4.2 ބިލިއަން ރުފިޔާގެ އޯވަޑްރޯގެ ބޮޑުބައި ދޫކޮށްފި އެވެ.

އެމްއެމްއޭ އިން ޖުލައި މަސް ނިންމައި އާންމުކުރި މާލީ ރިޕޯޓް ދައްކާ ގޮތުން އެ ބޭންކުން އޯވަޑްރޯ ނުވަތަ މަނިޓައިޒްގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ނަގާފައިވެ އެވެ. އެހެންކަމުން އެމްއެމްއޭއިން ނަގަން އެދުނު ރުފިޔާގެ ތެރެއިން ނުނަގައި މިހާރު ހުންނާނީ ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާ އެވެ.

އެމްއެމްއޭ އިން އޯވަޑްރޯ ކުރި މި ފައިސާއަކީ ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގުތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް ޕަބްލިކް އެކައުންޓް މެދުވެރިކޮށް 4.2 ބިލިއަން ރުފިޔާ ނަގަން އެދި ފިނޭންސް މިނިސްޓަރު އެދިވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުން އެކަމަށް ހުއްދަ ދިން ފައިސާއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން ލޯނުގެ ގޮތުގައި ސަރުކާރަށް ފައިސާ ނެގޭނެ ލިމިޓެއް ވަނީ ކަނޑައަޅައިފައެވެ. ގާނޫނުގައި ވާގޮތުން މަރުކަޒީ ބޭންކުން ސަރުކާރަށް ނެގޭނީ ވޭތުވެދިޔަ ތިންއަހަރު ސަރުކާރަށް ލިބުނު ޖުމުލަ އަމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެކެއް އިންސައްތައަށްވުރެ އިތުރު ނުވާ މިންވަރެކެވެ. އެހެންކަމުން މިދަނޑިވަޅުގައި އެމްއެމްއޭއިން ސަރުކާރަށް ނެގޭނީ 217 ވަރަކަށް މިލިޔަން ރުފިޔާއެވެ. ނަމަވެސް އެ ގާނޫނުގައި އެއަށްވުރެ އިތުރަށް ސަރުކާރަށް ފައިސާ ނެގޭނެ ހާލަތްތަކެއް ވަނީ ބަޔާންކޮށްފައެވެ.

ގާނޫނުގައި ބުނަނީ، އިގުތިސާދަށް ބޮޑު ހީނަރުކަމެއް ދިމާވުން، ނުވަތަ ގުދުރަތީ ކާރިސާއެއް މެދުވެރިވާ ހާލަތެއްގައި، ސަރުކާރަށް ފައިސާ ނެގުމަށް ގާނޫނުގައި ލިމިޓް ކަނޑައަޅާފައިވާ މާއްދާ އާއި ސަރުކާރުން ނަގާ ފައިސާގެ ލޯނު ދެއްކުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާއަށް އަމަލުކުން މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ހުއްދައާއެކު އިސްތިސްނާ ކުރެވިދާނެ ކަމެވެ.

އޯވަޑްރޯ ކުރުމަކީ ޕަބްލިކް އެކައުންޓުން އިތުރަށް ފައިސާ ނެގުމެވެ. ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރުމަށްޓަކައި މަރުކަޒީ ބޭންކުގައިވާ ސަރުކާރުގެ ބޭންކު އެކައުންޓުން އޯވަޑްރޯ ކުރުމަށް އިގުތިސާދީ ގޮތުން ކިޔަނީ "މަނިޓައިޒް" ކުރުމެވެ. ނުވަތަ ފައިސާ ޗާޕުކުރުމޭ ވެސް ކިޔައެވެ.