2014 ވަނަ އަހަރު އޮގަސްޓު މަހު އަށްވަނަ ދުވަހުގެ ރޭ ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގުކުރާ ޓީމަށް އަންނަ މަހުގެ ތެރޭގައި ބޭރުގެ އިންވެސްޓިގޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

މަރުގެ މައްސަލަތައް ތަހުގީގުކުރުމުގައި ރިޔާސީ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ މާހިރަކު އައްޔަންކޮށްދިނުމަށް އެދި ރައީސް ސޯލިހުގެ އަރިހުން ރިލްވާނާއި މަރާލާފައިވާ ބްލޮގަރު ޔާމިން ރަޝީދުގެ އާއިލާއިން އެދުނީ މިދިޔަ މަހުގެ ކުރީކޮޅު، އެމަނިކުފާނާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ. އަދި އެކަމަށް ރައީސް އިޖާބަ ދެއްވި ކަމަށް އާއިލާއިން އޭރު ބުންޏެވެ.

ރިލްވާނު ވަގަށް ނެގިތާ މިއަދަށް ހަ އަހަރު ފުރިފައިވާއިރު، މަރު ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރިލްވާންގެ އާއިލާއަށް އިންސާފު ނުލިބި އޮތްކަމީ އެ އާއިލާއަށް ލިބިފައިވާ ބޮޑު ހިތާމައެއް ކަމަށާއި އެ ހިތާމައިގައި އެ ކޮމިޝަނުން ބައިވެރިވާ ކަމަށެވެ.

ރިލްވާންގެ އާއިލާ އާއި ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ އެހެނިހެން މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް އެ ކޮމިޝަނުން ފަށާފައިވާ ބުރަ މަސައްކަތް، އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް މަރު ކޮމިޝަންގެ ބަޔާނުގައި ދީފައިވެ އެވެ.

"ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު މި

ކޮމިޝަނަށް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާއި ގުޅިގެން، ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި އެފަދަ މާހިރެއް އައްޔަނުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިގެން މި ކޮމިޝަނުން މިހާރު މިގެންދަނީ ކުރަމުން،" މަރު ކޮމިޝަންގެ ބަޔާނުގައިވެއެވެ.

އެ ކޮމިޝަނުން ބުނީ، ރިލްވާން ގެއްލުވައިލުމާ ގުޅޭ އިތުރު މައުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެން ކަމުން އެ މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. އަދި އެފަދަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށް އެކޮމިޝަނުގެ ބަޔާނުގައިވެއެވެ.

ރިލްވާންގެ މަރުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާތީވެ، އޭނާގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރިލްވާންގެ އާއިލާއިން ބުނީ މި ސަރުކާރު ވެރިކަމަށް އައީ ރިލްވާން އާއި ޔާމީންގެ ނަން ބޭނުން ކޮށްގެން ކަމަށާއި އެ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވަނީ މުއައްސަސާތައް ފެއިލް ވެފައިވާތީ ކަމަށް ބުނެފައެވެ.

ރިލްވާން މައްސަލައާ ގުޅިގެން ރައީސް މިއަދު ވިދާޅުވީ ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއް ކަމަށެވެ. އަދި ހުރަސްތަކާއެކު ވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ކުރެވެންހުރި ހުރިހާ ކަމެއް ހުއްޓާނުލައި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައިވެއެވެ.