ތ. ގުރައިދޫގައި ކުރިއަށްދާ ކުލަބު ބްލޫ އީގަލްސް ފުޓްސަލް ކަޕުގެ ފައިނަލުގެ ޖާގަތައް އެ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ވިންސިއާ އާއި އެވިލް ކަށަވަރުކޮށްފި އެވެ.

ވިންސިއާ ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 8-3ގެ ނަތީޖާ އަކުން އެގްޒިޓޯ ބަލިކޮށް ގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވިންސިއާގެ ހަސަން މުނާޒެވެ.

ރޭ ކުޅުނު ސެމީގެ ދެވަނަ މެޗުން މޮޅުވެ، ފައިނަލުގެ ދެވަނަ ޖާގަ އެވިލް ކަށަވަރު ކުރީ 4-3 ގެ ނަތީޖާއަކުން ކޮފް ބަލިކޮށްގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮފްގެ މުހައްމަދު ޝުއައިބެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:15 ގައެވެ.

ދިހަ ޓީމު ބައިވެރިވެގެން ދެ ގުރޫޕަކަށް ބަހާލައިގެން ކުޅޭ އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވިންސިއާ އެވެ.