ސްރީލަންކާގެ ކުރީގެ ރައީސް މައިތުރިޕާލަ ސިރިސޭނާ، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރައްވައިފިއެވެ.

ސިރިސޭނާ ލަންކާގެ ރައީސްކަން ކުރައްވާފައިވަނީ 2015 އިން 2019 އަށެވެ. އެމަނިކުފާނު ވަނީ 1989 އިން 2015 އާ ހަމައަށް، މެދުނުކެނޑި ހަ އިންތިހާބެއްގައި ވާދަކުރައްވައި، މަޖިލީހުގެ މެންބަރުކަންވެސް ކުރައްވައިފައެވެ.

ރައީސްކަން ކުރެއްވި ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު، މިދިޔަ ބުދަ ދުވަހު ލަންކާގައި ބޭއްވި 2020ގެ އިންތިހާބަށްވެސް ސިރިސޭނާ ވާދަކުރެއްވީ މިހާރު ވެރިކަން ކުރާ ޕޮޑުޖަނަ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޕޮލޮންނަރުވަ ޑިސްޓްރިކްޓުންނެވެ. ޕޮލޮންނަރުވަ ޑިސްޓްރިކްޓުގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި އެ ޕާޓީން ކާމިޔާބުކުރިއިރު އެންމެ ގިނަ ވޯޓު ހޯއްދެވީ ކުރީގެ ރައީސް ސިރިސޭނާއެވެ. އެގޮތުން އެމަނިކުފާނު ވަނީ 111،137 ވޯޓު ކާމިޔާބުކުރައްވައިފައެވެ.

ޕޮލޮންނަރުވަ ޑިސްޓްރިކްޓުގެ ބާކީ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަގެ ސަމަގި ޖަނަ ބަލަވޭވަޔަ (އެސްޖީބީ) ކޯލިޝަނުންނެވެ.

ރައީސް މައިތުރިޕާލަ ސިރިސޭނާއަކީ ސްރީލަންކާގައި ރައީސްކަން ކުރެއްވުމަށްފަހު ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވި ދެވަނަ ރައީސެވެ. ރައީސްކަން ކުރެއްވުމަށްފަހު މަޖިލީހަށް އިންތިހާބުވި ފުރަތަމަ ކުރީގެ ރައީސަކީ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާއެވެ.