ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ) ބާރުތައް އިސްލާހުކުރުމުގެ ކުރިން، މިހާރުން މިހާރަށް އެތަނުގެ ކޮމްޕޮޒިޝަން ބަދަލުކުރަން ޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ޑީޑީ ވިދާޅުވެއްޖެއެވެ.

ޑރ. ޑީޑީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖޭއެސްސީގެ ބާރުތައް އިސްލާހުކުރުމުގެ ކުރިން، އެތަނުގެ ކޮމްޕޯޒިޝަން މިހާރުން މިހާރަށް ބަދަލުވެގެން މެނުވީ ގާނޫނުއަސާސީގެ ބޭސިކް ސްޓްރަކްޗާ ހިމާޔަތް ނުކުރެވޭނެ ކަމަށެވެ.

ޑރ. ޑީޑީ މިހެން ވިދާޅުވެފައިވާ އިރު، ޖޭއެސްސީގެ އެތެރޭގައި ސިޔާސީ ނުފޫޒު ވަރަށް ބޮޑުކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ޖޭއެސްސީއަކީ ޝަރުއީ ނިޒާމަށް އަތް ބޭނުމަށް ސަރުކާރުން ބޭނުންކުރާ ހަތިޔާރެކެވެ.

ފަނޑިޔާރުން އައްޔަންކުރުމާއި، ފަނޑިޔާރުން ވަކިކުރުމަށް ހުށަހެޅުމާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމާއި، ސުލޫކީ މިންގަނޑު ކަނޑައެޅުމަކީ ޖޭއެސްސީގެ ޒިންމާއެކެވެ.

މިހާރު ޖޭއެސްސީގައި ތިއްބަވަނީ ދިހަ ބޭފުޅުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ރައީސާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލިހުން ކަނޑައަޅާ މެންބަރަކާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅަކާއި، ބަންޑާރަ ނައިބު ހިމެނިވަޑައިގަންނަވައެވެ.