މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މުސީބާތްތަކުން ސަލާމަތްވެވޭ ސަބަބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"މައިންބަފައިންނަށް އިހުސާންތެރިވެ ހެޔޮކޮށް ހިތުން"، މި މައުލޫއަށް މިއަދުގެ ހުކުރު ހުތުބާގައި ވާހަކަދައްކާފައިވާ އިރު، ހުތުބާގައި ބުނީ، މައިންބަފައިންގެ ހައްގުތައް މަތިވެރި ކަމަށާއި މައިންބަފައިންނަށް އިހުސާންތެރިވުމަކީ ވާޖިބެއް ކަމަށެވެ. އަދި އެމީހުންނަށް ހެޔޮކޮށް ހިތުމަކީ، މުސީބާތްތަކުން ސަލާމަތްވެ، ބަރަކާތް ހާސިލުވުމުގެ ސަބަބެއް ކަމަށްވެސް ބުނެފައިވެއެވެ.
"ލޮބުވެތި މުސްލިމު އަހުންނޭވެ! މައިންބަފައިންނަށް ކަމޭހިތުމަކީ ނަބީބޭކަލުންގެ ހުލުގުފުޅެކެވެ. އަދި އެއީ ސޯލިހުންގެ ރިވެތި އާދައެއްވެސް މެއެވެ. އަދި އެއީ މުސީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ހާސިލުކޮށްދޭ އަދި ދުއާ އިޖާބަކުރެއްވުމުގެ ސަބަބެއްވެސް މެއެވެ. އެކަމުގެ ސަބަބުން ކަންބޮޑުވުންތަކާއި ހާސްކަމުން މީހާ ދުރުކޮށް ހިތްހަމަޖެހުން ލިބެއެވެ. އަދި ދިރިއުޅުން ރަނގަޅުވެގެން ދެއެވެ." ހުތުބާގައި ބުނެފައިވެއެވެ.
ﷲ ތައާލާ ވަނީ މައިންބަފައިންނަށް އިހުސާންތެރިވުމަށް ވަސިއްޔަތް ކުރައްވައިފައެވެ. އެކަލާނގެ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ ދެ އަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރު ކުރެއްވީމެވެ) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ! އެނބުރި ރުޖޫއަވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ހަޒުރަތަށެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ހުތުބާގައި ބުނީ، ﷲ ތައާލާ ވަނީ ބާއްޖަވެރިކަމުގެ މަރުޖިއެއް ކަމުގައި މައިންބަފައިން ލައްވާފައި ކަމަށެވެ. އަދި އިހުސާންތެރިކަމާއި މާތްކަމުގައި މައިންބަފައިންވަރުގެ ބައެއް ނުވާ ކަމަށާއި ﷲ ތައާލާގެ ހައްގު އަދާކުރުމަށްފަހު އެ ދެމީހުންގެ ހައްގު އަދާކުރުމަކީ ވާޖިބެއް ކަމަށެވެ.
ﷲ ތައާލާ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި އެ އިލާހަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ!"
އަދިވެސް އެކަލާނގެ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަރާމްކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ"
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް މަތިވެރިވެގެންވާ އަމަލެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
"އިބްނު މަސްއޫދު ވިދާޅުވިއެވެ. ﷲގެ ހަޒުރަތުން އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ އަމަލާ މެދު ނަބިއްޔާއާ ސުވާލު ދެންނެވީމެވެ. ހަދީޘް ކުރެއްވިއެވެ. "ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ." ވިދާޅުވިއެވެ. އެއަށްފަހު ކޮން ކަމެއްތޯއެވެ؟ ހަދީޘް ކުރެއްވިއެވެ. "އެއަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ" ވިދާޅުވިއެވެ. އެއަށްފަހު ކޮންކަމެއްތޯއެވެ؟ ހަދީޘްކުރެއްވިއެވެ. "އެއަށްފަހު ﷲގެ މަގުގައި ޖިހާދުކުރުމެވެ"
ހުތުބާ ނިންމާލަމުން ވަނީ މައިންބަފައިންނަށް ކިޔަމަންތެރިވުމަށް ވަސިއްޔަތްކޮށްފައެވެ. އަދި ބާއްޖެވެރިންނަކީ މައިންބަަފައިންނަށް އިހުސާންތެރިކޮށް ކަންތައް ކުރާ މީހުން ކަމަށް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު