ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން 77 އިންސައްތަ ދަރިވަރުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް އަހުލުވެރިވަނީ ކޮންމެވެސް މިންވަރަކަށް ކަމަށް ދިރާސާއިން ދައްކައިފިއެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ، ސްކޫލް ނިންމާ ކުދިންގެ ތެރެއިން 18 އިންސައްތަ ދަރިވަރުން އެއްގޮތަކަށްވެސް އެ ކަންތައްތަކަށް އަހުލުވެރި ނުވާ ކަމަށެވެ. އަދި މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް ވަރަށް ރަނގަޅަށް އަހުލުވެރިކަމަށް ދައްކަނީ އެންމެ ފަސް އިންސައްތަ ދަރިވަރުންނެވެ.

އެ ދިދާސާތަކާ ބެހޭ މައުލޫމާތު މިނިސްޓްރީން މިއަދު ވަނީ ހާމަކޮށްފައެެވެ.

ދިރާސާއިން ދައްކާ ގޮތުގައި ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން 31.5 އިންސައްތަ ދަރިވަރުން އޭލެވެލްގައި ބައިވެރިވުމަށް ބޭނުންވެއެވެ.

ގްރޭޑް 10 ނިންމާ ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާ އިހުތިޔާރު ކުރުމުގައި ބަލާ ކަންތައްތައް ދެނެގަތުމަށް ކުރި މި ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން 23.6 އިންސައްތަ ދަރިވަރުން ބޭނުންވަނީ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށެވެ. އަދި ނުވަ އިންސައްތަ ދަރިވަރުން ފުލްޓައިމް ވަޒީފާއަކަށް ދާން ބޭނުންވާއިރު، 21.1 އިންސައްތަ ދަރިވަރުން ޕާޓްޓައިމް ވަޒީފާއަކަށް ދާން ގަސްތުކުރެއެވެ.

މީގެ އިތުރުން 14.8 އިންސައްތަ ދަރިވަރުން ގެޕް އިޔާއެއް ނުވަތަ ކިޔެވުން އަދި ވަޒީފާގައި ތަމްސީލުނުވެ ހުންނަން ބޭނުންވާ ކަަމަށް ދިރާސާއިން ދައްކައެވެ.

ދިރާސާގައި ބުނެފައިވަނީ، 50 އިންސައްތަ ދަރިވަރުން މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ހޯދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށެވެ. ސްކޫލާއި، ގާތްތިމާގެ މީހުންނާއި ރަހްމަތްތެރިން އަދި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުންނާއި، ޓީވީ އާއި ޔުނިވާސިޓީ އާއި ކޮލެޖުތަކުންވެސް ދަރިވަރުން މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ހޯދާ ކަމަށް ބުނެފައިވެއެވެ.

މި ދިރާސާއިން ދައްކާގޮތުގައި، ސްކޫލް ނިންމުމަށްފަހު، އެންމޭ ގިނަ ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ގަސްތުކުރާ ދާއިރާއަކީ ފަތުރުވެރިކަމާއި، އެ ދާއިރާއާ ގުޅުންހުރި ދާއިރާތަކެވެ. އެގޮތުން 21 އިންސައްތަ ދަރިވަރުން އެ ދާއިރާތަކަށް ޝައުގުވެރިވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ސިއްހީ ދާއިރާ، އެކައުންޓިން އާއި ފައިނޭންސް، ބިޒްނަސް އާއި މާކެޓިން، އިންޖިނިއަރިން، ތައުލީމް އަދި ކުޅިވަރުގެ ދާއިރާތަކުން ކުރިއަށް ދިއުމަށްވެސް ދަރިވަރުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. މަސްވެރިކަމާއި ދަނޑުވެރިކަން، ހިއުމަން ރިސޯސް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ސޯޝަލް ވޯކް ހިމެނިފައިވަނީ އެންމެ މަދުން ދަރިވަރުން ކުރިއަށްދާން ގަސްތުކުރާ ދާއިރާގެ ގޮތުގައެވެ.

"ކިޔެވުމަށް ގަސްތުކުރާ ދާއިރާ ނިންމުމުގައި މާލީ އެހީތެރިކަން ލިބޭ ދާއިރާތައް، މަތީ ތައުލީމުގެ ފުރުސަތު ހުރި ދާއިރާތައް، ވަޒީފާގެ ފުރުސަތު ހުރި ދާއިރާތައް، ޝައުގުވެރިވާ ދާއިރާ އަދި އާއިލާ އާއި ރަހުމަތްތެރިންގެ ޕްރެޝަރުވެސް ހިމެނޭކަން ދަރިވަރުން ވަނީ ފާހަގަކޮށްފައި،" މިނިސްޓްރީން ބުނެފައިވެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ދިރާސާގެ މަގުސަދަކީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، ސީދާ ދަރިވަރުންނަށް ކަމާބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އަދި ދަަރިވަރުންގެ މުސްތަގުބަލް ރޭވުމުގައި ނިންމާ ނިންމުންތަކަކީ ރަނގަޅު، ތެދު އެންމެ ފަހުގެ މައުލޫމާތުގެ އަލީގައި ނިންމާ ނިންމުންތަކަކަށްވުމަށް އެހީތެރިވުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.