މިދިޔަ މަހު ބ. ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީން ދޫކޮށްލައިފިއެވެ.

ހައްޔަރުކުރި ބިދޭސީންގެ ފަރާތުން މަސައްކަތްކުރާ ވަކީލުންގެ ޓީމުން ބުނީ، އެ 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލައިފައިވާ ކަމަށާއި އެކަން ވަކީލުންގެ ޓީމަށް އަންގާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ބޮޑުފިނޮޅުން ހައްޔަރުކުރި މީހުން ރޭގެ ވަގުތެއްގައި ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށާއި އެމީހުން މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ. ބަންދުން ދޫކޮށްލި ނަމަވެސް އެމީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ މަހުގެ ދެވަނަ ދުވަހު ބޮޑުފިނޮޅުގައި ވަނީ މުސާރަ ނުދޭތީ ކަމަށް ބުނެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފައެވެ. އެ ހަމަނުޖެހުންތަކުގައި އެރަށުގެ ބައެއް މުދަލަށާއި، ބައެއް ފުލުހުންނަށްވެސް އަނިޔާވެފައިވެއެވެ. ހަމަނުޖެހުންތަކާ ގުޅިގެން މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ފުލުހުން ވަނީ ހަމަނުޖެހުން ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުވާ 19 ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ބަންދަށް އޭރު 15 ދުވަސް ޖަހައި، އެ މުއްދަތު ހަމަވުމުން އިތުރު 15 ދުވަސް ޖަހާފައިވެއެވެ.

ބިދޭސީންގެ ފަރާތުން ވަކާލާތު ކުރާ ވަކީލުންގެ ޓީމުން މީގެ ކުރިން "ވަން" އަށް މައުލޫމާތުދެމުން ބުނީ، ބިދޭސީން ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށާއި އެމީހުން ހައްޔަރުކުރުމުގައި ސިޔާސީ ނުފޫޒު އެކުލެވިގެންވާ ކަމަށް ބެލެވޭ ކަމަށެވެ.